ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމުގައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްނެ ކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިތުރުން ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކު ވަރުގަދަ އަޒުމެއްގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގައި ތައްޔާރުވަމުން އައި ތަރައްގީގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އަދި މާލޭގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީ ހާސިލްވާނީ ކޮންމެ ދިވެއްސަކު ވެސް އަމިއްލަ ނަފްސު އިސްލާހުކޮށް، ސިކުނޑި ތަރައްގީކޮށްގެން ކަމަށެވެ. އަދި ހަމައެއާއެކު ދިވެހި ބަހާއި އިސްލާމް ދީނާއި ގައުމިއްޔަތަށް ކޮންމެ މީހަކު ވެސް އިސްކަން ނުދޭނަމަ ކިތަންމެ ބައިވަރު މަޝްރޫއެއް ހިންގި ނަމަވެސް ތަރައްގީ ހާސިލް ނުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިހްލާސްތެރި ގައުމީ މަސައްކަތް ކަމަށާއި އެ ބުރަ މަސައްކަތް އަމާނާތްތެރިކަމާއެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ގައުމެއްގެގޮތުގައޮ އޮންނާނީ ގައުމީ ލޯބީގައި އެންމެ އެއްވިސްނުމެއްގައި އެއް ދިމާލަކަށް ގޮސްގެން ކަމަށެވެ.