މާލެއިން ގެއްލިގެން ހޯދަމުން އަންނަ 30 އަހަރުގެ ހަސަން ޔާމީން ސިނަމާލެ ބްރިޖުން ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ޔާމީން މި މަހުގެ 11 ވަނަ ދުވަހު ރޭގެ 9:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަފަހުން އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ އިދާރާއަށް މައްސަލަ ހުށަހެޅުމާއެކު ޔާމީން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 03:24 އެހާކަންހާއިރު ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށާއި، މި މައުލޫމާތު އާއިލާއާއި ހިއްސާކޮށް އާއިލާއާއި ގާތުން ތަހުގީގު ޓީމު މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މެރިން ޕޮލިހާއި، އެމްއެންޑީއެފްގެ ކޯސްޓުގާޑާއި ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުން ވަނީ އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައިފާސްކޮށްފައެވެ. އެތަނުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިނގާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު އެޕާޓްމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މި މައްސަލަ އާއި ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށާއި، ތަހުގީގުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ފުލުހުން ފޯރުކޮށްދޭ ރަސްމީ މައުލޫމާތުތަކަށް ބަރޯސާވުމަށް އިލްތިމާސްކޮށްފައެވެ.