މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ދޭން ހާއްސަ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ސެޝަންގައި އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 16 މުވައްޒަފަކު ބައިވެރިވިއެވެ.

އެ ސެޝަންގައި އެ މުވައްޒަފުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދީފައިވާއިރު، އެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ފައިނޭންސް އަދި އިންޓަޕްރެޓާ ސައީދު އަތުހަރު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެ ސެޝަންގައި ބައިވެރިވި ޑޮލީ ސާވިސަސް އެންޑް މެއިންޓަނެންސްގެ ޓެކްނިކަލް ސަޕޯޓް އަހުމަދު އަޝްފާގު ބުނީ އާ ޓާމިނަލަށް ފުރަތަމަ ފަރަށް ވަނުމުން ވަރަށް ގިނަ ކަންކަން އެނގިގެން ސާފުވެގެން ހިނގައްޖެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާނެ މީހުން ތިބޭނަމަ އިތުރަށް ފުރިހަމަކަމެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލް އިން ވަރަށް ބޮޑު އިސްކަމެއްދޭކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެފަދަ މީހުންނަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.

އެ ސެޝަންގައި ބައިވެރިވި މުވައްޒަފުންނަށް އާ ޓާމިނަލަށް މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ.