މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ މިފަދަ ވާހަކަތައް ފަތުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ރެޔާއި ދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ދޮގު ވާހަކަތަކެއް ކަމަށެވެ.
މި ވާހަކަތަކައް ރައްދުދެމުން އެމްއޭސީއެލް އިން ބުނީ މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް ކުންފުނިން ކޮށްފައި ނުވާ ކަމަށާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއެވެސް ނުގެންގުޅޭ ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ކުރިންވެސް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން އެއްވެސް ބަދަލެއް ނެތި މުސާރަ ދެމުންގެންދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ވަނީ އަރުވާފައެވެ.
އެއާއެކު އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އިލްތިމާސަކީ މިފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި ޒިންމާދާރު ކަމާއެކު ކަމުގެ އަސްލާ އެއްގޮތަށް ވާހަކަ ދެއްކުން ކަމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ހަގީގަތް ނުގެއްލޭ ގޮތަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްކޮޅު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭން ނިންމާ މުސާރައިގެ އޮނިގަނޑަށް ވަނީ ބަދަލުގެނެސްފައެވެ. މިކަމާ ގުޅިގެން ޓީއެމްއޭގެ މުވައްޒަފުން އިހުތިޖާޖު ކޮށްފައިވާއިރު، އެ ކުންފުނީގެ ޕައިލެޓުން ވަނީ ދަތުރުތައް ކުރުން ހުއްޓާލާނެ ކަމަށްވެސް ބުނެފައެވެ.
ޓީއެމްއޭއިން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލަކީ މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން އަދި އަނެއް 80 އިންސައްތަ ޑޮލަރުން ދިނުމަށް ގެނައި ބަދަލެވެ. ކުރިން މުވައްޒަފުންނަށް މުސާރަ ދީފައިވަނީ އެކަށް ޑޮލަރުންނެވެ. އަދި މި ބަދަލު ގެނެސްފައިވަނީ މުވައްޒަފުންނާއި އެއްވެސް ވަރަކަށް މަޝްވަރާވެސް ނުކޮށް ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެފައިވެއެވެ.