ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރީތައް ވުމަށްޓަކައި ވީއައިއޭގެ ކާރު ކިއު އަށާއި ޑޮމެސްޓިކް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރަންޖެހޭ ތަނަށް ބަދަލުގެނެސްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން ކަމަށާއި، މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ކާރުތަކަށް މަޑު ނުކުރެވޭނެ ކަމަށެވެ. ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިން ދާ ކާރުތައް ދެން މަޑުކުރަން ޖެހޭނީ އިންޓަނޭޝަނަލް ޓާމިނަލަށް ދާ ކާރުތައް މަޑުކުރަން ހާއްސަކޮށްފައިވާ ސަރަހައްދުގައި ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެއާއެކު ހުޅުލޭގެގައި އޮންނަ ކާރު ކިއު، ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ހުންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުރަން ނިންމާފައިވާކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މިތަނުގެ ކިއު ބަލަހައްޓާނީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އިން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެމްއޭސީއެލް އިން ބުނީ ވީއައިއޭއަށް އަންނަ އެމްޓީސީސީގެ ބަސްތައް މަޑުކުރާނީ ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސް ހުއްޓިއަށް އެކަނި ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މި ޓާމިނަލާއެކު ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ފަސިންޖަރުންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ވަނީ އަރުވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ވަކިވަކިން ދައުވަތު އަރުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. މި އެއާޕޯޓަކީ ދިވެހި އިގްތިސޯދުގެ އެންމެ މުހިންމު އެސެޓް ކަމަށާއި އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.