ހުޅުމާލެެ ފޭސް 2 ގެ ވިނަރެސް ފްލެޓްސްގެ ޓަވަރަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި ވެއްޓުނު 18 އަހަރުގެ ޒުވާނާ ހޮސްޕިޓަލަށް ގެނެވިފައިވަނީ މިއަދު ހަވީރު 4:30 އެހާކަންހާއިރު ކަމަށެވެ. ހޮސްޕިޓަލަށް ގެނައި އިރުވެސް އެ ޒުވާނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި ޑޮކްޓަރުން ސީޕީއާރް ދިނުމުންވެސް އެއްވެސް ބަދަލެއް ނެތް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އެއާއެކު ޑޮކްޓަރުންނާއި ހަވާލާދީ އޮފިޝަލު ވިދާޅުވީ 5:30 އެހާކަންހާއިރު އެ ޒުވާނާ ނިޔާވެފައިވާކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
މި ހާދިސާއާއި ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ވެއްޓިފައިވަނީ ޗާންދަލިއާ ބުކްޝޮޕް ކުރިމައްޗަށެވެ. އެއާއެކު ފުލުހަކާއި އާންމު ފަރާތެއް އެ މީހާ ކައިރީ ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަދަ ހާދިސާތައް މީގެކުރިންވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން މިދިޔަ މަހުވެސް ވަނީ މާލޭ ގެއެއްގެ 2 ވަނަ ފަންގިފިލާއިން އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓި އަނިޔާތަކެއް ވެފައެވެ. މި ހާދިސާގައި އަންހެން މީހާގެ 2 ފައިގެ ކުޑަހުޅުން ނެއްޓި "އޮޕެން ފްރަކްޗާ"ވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.