އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ލޫތުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މާމިގިލި ކައިރިއަށް ފީނަން ފޭބި ހަތަރު ކުދިންގެ ތެރެއިން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ ރޭގެ 7:00 ހާއިރު އެވެ. އެ ވަގުތުން ފެށިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ރަށުގެ އާއްމުން ކުރަމުންދަނިކޮށް ލޫތު ފެނުނީ ފީނަން ފޭބި ސަރަހައްދާ ކައިރި މޫދު އަޑިންނެވެ.

އެ ހާދިސާއާއި ގުޅިގެން ރައީސް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ހިތްދަތި ހަބަރެއް ކަމަށެވެ.

މާމިގިލީގައި ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވި ލޫތުއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ. އަދި ލޫތުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ވެސް އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ.

އިތުރު ތިން ރައްޓެހިންނާ އެކު ފީނަން ގޮސް އުޅެނިކޮށް ލޫތު ނިޔާވިއިރު މިދިޔަ އާދިއްތަ ދުވަހު މާލޭގެ މާފަންނު ބަސް ޓާމިނަލް ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް ވަނީ 17 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެފައެވެ. \

އެ އެކްސިޑެންޓްގައި ނިޔާވެފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ހަމަ އެކަނި ދަރިފުޅު އަލްސަން މުހައްމަދު އެވެ.