ހުޅުލޭގެ ދެ ޕާކިން ޒޯނެއްގައި ޕާކް ކުރުން ވަގުތީ ގޮތުން މަނާ ކޮށްފިއެވެ.
ވެލާނާ އެއާޕޯޓު ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިފަދައިން ނިންމާފައި ވަނީ ޖުލައި 26 ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމަށް ބާއްވަން ހަމަޖެހިފައިވާ ހާއްސަ ރަސްމިއްޔާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން ތިރީގައި ބަޔާންކޮށްފައިވާ ޕާކިން ޒޯން ތަކުގައި ޕާކް ކުރުން ވަގުތީ ގޮތުން މަނާ ވާނީ މި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 18:00 އިން ފެށިގެން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އިރުމަތީ ފަރާތު ޕާކިން ޒޯން:
17 ޖުލައިން ފެށިގެން މި ޕާކިން ޒޯންގައި ހަތަރު ފުރޮޅު ލީ އެއްވެސް އުޅަނދެއް ޕާކް ކުރުން ވަނީ މަނާ ކޮށްފައެވެ. އަދި މިހާރު ޕާކްކޮށްފައި ހުރި އުޅަނދެއްނަމަ އެ ތާރީހުގެ ކުރިން ނަގާ ދިނުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.
ހުޅަނގު ފަރާތު ޕާކިން ޒޯން:
17 ޖުލައިގެ ހަވީރު 18:00 އިން ފެށިގެން އެއްވެސް އެއްގަމު އުޅަނދެއް ޕާކް ކުރުން ވަނީ މަނާކޮށްފައެވެ.
ބަޔާން ކުރެވިފައިވާ ތާރީހުން ފެށިގެން އެ ސަރަހައްދުތަކުގައި އުޅަނދެއް ޕާކްކޮށްފައި ހުރި ނަމަ ފުލުހުންނާއި ގުޅިގެން ޕާކިން ޒޯންގައި ހުރި އުޅަނދުތައް ހުސްކުރާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އަދި ޕާކިން ޒޯންތަކުގައި އަލުން ޕާކް ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެމްއޭސީއެލްއިން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތަކަކީ އާ ޕެސެންޖާ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. އެގޮތުން އާ ޓާމިނަލާއެކު، ހިދުމަތްތައް ފުޅާކޮށް، އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއްވަނީ ގާއިމްކޮށްފައެވެ.