ފާއިތުވި 4 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަލަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ފައިދާވެއްޖެއެވެ.
އެމްއެމްޕީއާރުސީއިން ބުނީ 2024 ވަނަ އަހަރުގެ މާލީ އަހަރު އެމްއެމްޕީއާރުސީއިން 27،490،370 ރުފިޔާގެ ފައިދާއެއް ރެކޯޑްކޮށްފައިވާ ކަމަށެވެ. އަދި މިއީ ފާއިތުވެދިޔަ 4 އަހަރު ތެރޭގައި ކޯޕަރޭޝަނަށް ފައިދާވި ފުރަތަމަ އަހަރުކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
2023 ވަނަ އަހަރު އެމްއެމްޕީއާރުސީއިން ވަނީ 17،997،662 ރުފިޔާގެ ގެއްލުމެއް ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށް އެމްއެމްޕީއާރުސީއިން ބުނީ މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާވެފައި ވަނީ އެ ކޯޕަރޭޝަން ހިންގާ ގޮތަށް ބޮޑު ބަދަލެއް ގެނައުމާ ގުޅިގެން ކަމަށެވެ.
މާލީ ހާލަތު ރަނގަޅުކުރުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާކަން އެމްއެމްޕީއާރުސީއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް 10 ޕަސެންޓް މަދުކޮށް، ހުރިހާ ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއްގެ ސަބަބުން 21 އިދާރާއިން އެންމެ 6 އިދާރާއަށް ސްޓްރެޓެޖިކް ގޮތެއްގައި ދަށްކޮށް، ކޯޕަރޭޝަނަށް 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްވެފައިވެއެވެ.
މީގެއިތުރުން ކުރިން ޖުމްލަ މާކެޓިން ބަޖެޓުގެ 80 ޕަސެންޓްއާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ކޯޕަރޭޝަނުން ގެންގުޅުނު އުސޫލު އެމްއެމްޕީއާރުސީއިން ވަނީ އަލުން އެކުލަވާލާފައެވެ. އަދި އެ އަދަދު މިހާރު ހުރީ 34 ޕަސެންޓްގައި ކަމަށާއި ބޮޑު އިވެންޓުތަކުން އެވްރެޖްކޮށް 2 މިލިއަން ރުފިޔާ ސަލާމަތް ކޮށްފައިވާކަން އެމްއެމްޕީއާރުސީއިން ފާހަގަކުރެއެވެ.
އެމްއެމްޕީއާރުސީއިން ބުނީ ޑެސްޓިނޭޝަން މާކެޓިންގެ ރޮނގުން އެމްއެމްޕީއާރުސީން މިހާރު 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން ހިންގަމުންދާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ކޯ އިންވެސްޓްމަންޓް މާކެޓިން ޕާޓްނަޝިޕްތަކެއް ފަށާފައިވާއިރު، ޖުމްލަ އަގު 10 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ޓޮޕް 10 ސޯސް މާކެޓަކުން މިދިޔަ އަހަރާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކޮށް އެމްއެމްޕީއާރުސީއިން ބުނީ 2023 ވަނަ އަހަރު 39 އިންސައްތަ ދަށަށް ދިޔަ އިންޑިއާ މި އަހަރު 4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.
މީގެއިތުރުން ރަޝިއާ، އިނގިރޭސިވިލާތް، ޗައިނާ އަދި އެހެނިހެން މުހިންމު މާކެޓުތަކުން ވެސް އިތުރަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން އެމްއެމްޕީއާރުސީއިން ފާހަގަކޮށްފައިވެއެވެ.