މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގިރާވަރުފަޅާއި ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމަށް ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އަށް ހަވާލުކޮށްފައިވާ މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލްކުރަން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

ގިރާވަރުފަޅުން 160 ހެކްޓަރުގެ ބިން ހިއްކުމަށް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ އިރު، ހުޅުމާލެ ފޭސް 3 އިން 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށެވެ. ސަރުކާރުގެ މި ދެ ކުންފުނިން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސީއެމްސީސީއަށެވެ.

ރޭ ބޭއްވި އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ލަންކާގެ ސީއެމްސީސީއަށް ހަވާލުކޮށްފައިވާ މަސައްކަތް ކުރިއަށް ނުދާތީ އޭޖީ އޮފީހަށް އެގުރިމަންޓް ބާތިލްކުރަން ފޮނުވާފައިވާ ކަމަށެވެ. ކުރީ ސަރުކާރުން އެގްރިމަންޓް ހަދާފައިވާ ގޮތުން އެޑްވާންސް ފައިސާ ލިބުމަށް ފަހު ކުރާ ކޮންމެ މަސައްކަތަށް ފައިސާ ދިނުމަށް ކޮންޓްރެކްޓަރު ޑިމާންޑް ކުރަމުން ދިޔަ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ކޮންޓްރެކްޓް ބާތިލްކުރަން ސަރުކާރުން ނިންމީ އެ ގޮތަށް ފައިސާ ދެމުންދާނަމަ ސަރުކާރަށް ގެއްލުން ބޮޑުވާނެތީ ކަމަށް ބަލާފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

އެގޮތުން ކޮންޓްރެކްޓަރަށް ފުރަތަމަ އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު ދޭން ޑިމާންޑް ކުރަން ފެށުމުން، މަސައްކަތް ކުރިއަށް ގެންދަން އިތުރަށް 15 މިލިއަން ޑޮލަރު ދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް އިތުރަށް ފައިސާ ދިނުމަށް ކޮންޓްރެކްޓަރު ޑިމާންޑްކޮށް، މަސައްކަތް އެއްވެސް ވަރަކަށް ނުކޮށް ހުއްޓާލައިގެން ތިބީ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.

މި އެގްރިމަންޓް އޭޖީ އޮފީހަށް ފޮނުވައިގެން ބާތިލްކުރަނީ ކޮންޓްރެކްޓަރުގެ އެގުރިމަންޓް ހަދާފައިވަނީ ސަރުކާރުގެ ކުންފުންޏަކާ ދެމެދުގައި ކަމަށް ވާތީއެވެ. އެގޮތުން މިހާރު ވެސް ކޮންޓްރެކްޓަރަށް 35 މިލިއަން ޑޮލަރު ދީ ހަރަދު ކުރެވިފައިވާތީ އެގްރިމަންޓް ބާތިލް ކުރަން މަސައްކަތް ކުރަނީ އިތުރަށް ބަދަލެއް ދޭން ނުޖެހޭ ގޮތަށް ކަމަށާއި އެކަމަށް ވަގުތު ނަގަނީ ވީހާވެސް ސަރުކާރަށް ގެއްލުން ކުޑަ ގޮތަކަށް އެކަން ކުރަން މަސައްކަތް ކުރަމުންދާތީ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.