ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ސަރަހައްދުގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކާއި، ވެލި އެޅުމުގެ މަސައްކަތްތައް އަދި މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް މުއިއްޒާ ހިއްސާކުރެވުނު ކަމަށެވެ.

އެމްއޭސީއެލް އާ ހަވާލުކޮށްގެން މިހާރު ކުރިއަށްގެންދާ މި މަޝްރޫއުގެ 2ވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާ ނިންމާފައެވެ. އަދި އެމްއެފްއެމްސީގެ ދަށުން ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ރައީސް އޮފީހުން ބުނީ ދެ ފިޔަވަހި އެއްކޮށް އެކު ޖުމުލަ 167.15 ހެކްޓަރުގެ ބިން ގިރާވަރު ފަޅުން ހިއްކުމަށް ހަމަޖެހިފައި ވާއިރު، މިހާތަނަށް 105 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކުރިއަށް އޮތް އޭޕްރިލް މަހުގެ ނިޔަލަށް މަސައްކަތް މުޅިން ނިންމާ، ސާވޭކޮށް ޖޫން މަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށެވެ. ގިރާވަރު ފަޅުގެ ބިން ހިއްކަން ފެށިކަން ރައީސް އިއުލާނުކުރެއްވީ، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ގިރާވަރު ފަޅުގެ ބިން ހިއްކުން އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސް ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35000 ކިއުބިކް މީޓަރުގެ ކުއީން އޮފް ދަ ނެދަލޭންޑްސް އަދި 22000 ކިއުބިކް މީޓަރުގެ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.