ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު ހުށަހެޅުއްވި ސިޓީފުޅު އިއްވާފައިވާއިރު އެ ސިޓީގައިވަނީ ނިއުމާތުގެ ދައުރު އިތުރު ފަސް އަހަރަށް ދަންމާލުމަށް މަޖިލީހުން ފެންނަ ގޮތަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އެހެންވެ، މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ 2019 ވަނަ އަހަރުގެ ނޮވެންބަރު 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގެ ދަށުން އުފެދުނު މަގާމެކެވެ. އެ މަގާމަށް 2020 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ނިއުމަތު އައްޔަންކުރެއްވި އިރު، އޭނާގެ މަގާމުގެ ދައުރު ހަމަވާނީ މި މަހުގެ 23 ވަނަ ދުވަހަށެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަން އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރަން އައްޔަން ކުރާ މަގާމެކެވެ.