ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާ ހަފްލާގައިވެސް އަދި އެނޫން އިވެންޓެއްގައިވެސް އިޒްރޭލަށް ފަންޑުކުރާ ބަޔަކާ އެކު މަސައްކަތް ނުކުރާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ އިން ގެނެސްދީފައިވާ ހަބަރަކާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ލައްމާން ވިދާޅުވީ ޓާމިނަލް ހުޅުވާ ހަފްލާގައި ހަވާ އަރުވަނީ އިޒްރޭލަށް ފަންޑުކުރާ ކުންފުންޏެއް ކަމަށްވާ "ބަނާނާ ސްޕްލިޓް އިވެންޓްސް" އާ ގުޅިގެން ކަމަށް ބުނެ އާންމު ކޮށްފައިވަނީ ހަގީގަތާ ހިލާފު ވީޑިއޯ ހަބަރެއް ކަމަށެވެ.

އެގޮތުން ލައްމާން ވިދާޅުވީ މިކަންކަމަކީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ކަންކަން ކަމަށާއި، އަދި އިޒްރޭލަށް ފަންޑު ކުރާ އެއްވެސް ބަޔަކާ އެކު އެމްއޭސީއެލްގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. އެއާއެކު ލައްމާން ވަނީ މިފަދަ ހަގީގަތާ ހިލާފު ދޮގު ހަބަރުތައް ނުފެތުރުމަށް އިލްތިމާސް ކުރައްވާފައެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެޓީވީ އިން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް އެ ކުންފުނިން ކުރަމުން ނުގެންދާކަމަށާއި، ރާއްޖެޓީވީ އިން ފަތުރަމުން ގެންދާ ހަގީގަތާ ހިލާފު މިވާހައަކީ ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.

އެމްއޭސީއެލްއާމެދު މިފަދަ ސާބިތު ނުހިފޭ، ހަގީގަތާއި ހިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރުގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް މި ކުންފުނިން އަޅާނަން. އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މި މައްސަލަ ހުށައެޅުމަށްޓަކައި މި ކުންފުނިން ދަނީ ތައްޔާރުވަމުން
އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ނިންމާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އާ ޓާމިނަލް ބޭނުން ކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ގާއިމްކޮށްފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް އާ ޓާމިނަލްގައި ގާއިމުކޮށްފައި ހުންނާނެއެވެ.

މި ކިއޮސްކް ތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.