ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރިކަން އެލްޖީއޭއިން އަންގާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ދެ ބޭފުޅުން ސަސްޕެންޑުކުރީ ގޮދައުލަތުގެ އިދާރާތަކުންނާ، އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް އެލްޖީއޭ އިން ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.
އެލްޖީއޭގެ ނިންމުން ބާތިލުކުރުމަށް އެދި ދެ ބޭފުޅުންގެ ފަރާތުން އިއްޔެ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައިވާކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ. ސައުދުވަނީ، މި ދުވަސްވަރު އެލްޖީއޭއިން އިޖުރާތުތައް ފުރިހަމަނުކޮށް އެ ފިޔަވަޅުތައް އަޅައިފައިވަނީ، އަންނަ އަހަރުގެ ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްކަމަށް ތުހުމަތުކުރައްވާފައެވެ.
މީގެ އިތުރުން ސައުދު ބުނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުތަކާ ގުޅިގެން އިތުރު ކައުންސިލްތަކަށް ވެސް މި މައްސަލަ ކުރިވަތިވެދާނެތީ އާއި އެކު ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅީ ގެއްލިފައިވާ ހައްގުތައް ހޯދައި ލާމަރުކަޒީ ނިޒާމު ދިފާއު ކުރަން ކަމަށެވެ.
ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރާ، ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކުރުމުގެ އިތުރުން ކައުންސިލް މެންބަރު އަހުމަދު ވަހީދު، މެންބަރު އާމިނަތު ނަސީމާ އާއި އަހްމީމާ އަހުމަދުގެ އިތުރުން މެންބަރު މުހައްމަދު ޒަލީފް އަބްދުﷲއަށް ވަނީ ނަސޭހަތް ދީފައެވެ. މީގެ އިތުރުން އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަންގެ މައްސަލަ ބެލުމަށް ފަހު، އޭނާ އަށް ވެސް ނަސޭހަތްތެރިވުމަށާއި ގަވާއިދާ ހިލާފަށް ނަގާފައިވާ އެލަވަންސް އާއި ފައިސާ އަނބުރާ ކޮމިޓީއަށް ދެއްކުމަށް އެންގުމަށް ވެސް އެލްޖީއޭ އިން ވަނީ ނިންމައިފައެވެ.