އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ އެތައް ބައެއްގެ ފުރާނަ ގެއްލި، ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ.

އެގޮތުން ރައީސް ވަނީ މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ.

އެއާއެކު ރައީސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެން މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް އަވަސް ފުރުސަތެއްގައި ކުރީގެ ދިރިއުޅުމަށް ވާސިލުވެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ޓެކްސަސް އަށް ބޯކޮށް ވާރޭވެހެމުންދާ އިރު އެ ސްޓޭޓުން މިހާތަނަށް 69 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރެސްކިއު ޓީމުތަކާއި ހަވާލާދީ ބޭރުގެ ހަބަރުތަކުގައި ރިޕޯޓުކޮށްފައި ވާގޮތުން މިހާތަނަށް 850 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތްކުރެވިފައެވެ.

މި ސްޓޭޓުން މީހުން ސަލާމަތްކުރުމަށްޓަަކައި ގިނަ އަދަދެއްގެ ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުންދާއިރު، ޓެކްސެސްގެ ގަވަރުނަރު ގްރެގް އަބޮޓް ވަނީ މި ހާދިސާގައި އަނިޔާވެފައިވާ ހުރިހާ ފަރާތްތަކުން ސަލާމަތްކުރެވެން ދެން ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުންގެންދާނެ ކަމަށް ވިދާޅުވެފައެވެ.