މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުމަށްފަހު އެ ރަށުގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެށުނުއިރު އޮތީ މާފަރުގެ އިހްތިސާސްގެ ތެރޭގައި ނަމަވެސް 2020 ވަނަ އަހަރު ފަރުމުލި ހިމެނޭ ގޮތަށް، މާފަރުގެ ފަޅުން 80 ހެކްޓަރުގެ ސަރަހައްދެއް ވަނީ އިހްތިސާސުން ވަކިކޮށްފައެވެ.
އެއާއެކު 2023 ވަނަ އަހަރުގެ އިންތިހާބަށް މާފަރަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ އެ ރަށުގެ އިހުތިސާސުން ވަކިކުރި ބައި ހޯއްދަވާދެއްވާނޭ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުގެ މަތިން ހުސްވި އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހު ރައީސް ވަނީ ފަރުމުލި އާއި ކަނޑިންމާހުރާ، ނ. މާފަރުގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
ނަމަވެސް އެމަނިކުފާނު މިއަދު ނެރުއްވި ގަރާރުގައި ވަނީ "ފަރުމުލި" އަކީ އެ އަތުޅުގެ މާފަރުގެ ބައެއް ނޫންކަމުގައި އަނެއްކާވެސް ކަނޑައަޅުއްވާފަ އެވެ.
މިފަދައިން ނިންމާފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމަށް ވެއެވެ. އެއާއެކު ޓޫރިޒަމް މިނިސްޓްރީން މިރޭ ގެޒެޓުކުރި އިއުލާނެއްގައި ވަނީ ފަރުމުލީގައި ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަމަށް ހުޅުވާލައިފައެވެ.
އެ އިއުލާނުގައި ވަނީ ބީލަމުގެ ދަށުން 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދާއެކު 15 ހެކްޓަރަށްވުރެ ބޮޑު ނޫން ރަށެއް ހިއްކުމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހާއި އަންނަ މަހުގެ 18 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފައި ވެއެވެ.
އެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓްރީގެ އީމެއިލް [email protected] އަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު ހުށަހަޅަން ޖެހޭއިރު ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު 10ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ބޭނުންވާނަމަ ބީލަން ހުށަހެޅުމުގެ، ސަރުކާރު ބަންދުނޫން ތިން ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލްއަށް ސުވާލުތައް ފޮނުވުމަށް ވަނީ އެދިފައެވެ.