މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)އިން ރާއްޖެއަކީ ސަގާފީ ގޮތުން ތަނަވަސް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބައިވެރިކޮށް، ބާރުވެރިކުރުމުގެ މަގްސަދުގައި އެމްއެމްޕީއާރުސީއިން ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމް ތައާރަފްކޮށްފިއެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި އިނޮވޭޓިވް ޕްރޮގްރާމުގެ ސަބަބުން ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ އައިޑެންޓިޓީއާއި ސަގާފަތާއި ތަރިކަޔާއި ގުދުރަތީ ރީތިކަން ތަފާތު ފަންނުވެރިން ހަރަކާތްތަކުން ދައްކައިދިނުމަށް ރާއްޖޭގެ ހުނަރުވެރި ފަރާތްތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ އަމާޒަކީ ސަގާފީ އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖޭގެ ފަންނާނުންނަށް ހޯދައިދީ، ރާއްޖޭގެ ހަގީގީ ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ހިއްސާކޮށް ދިވެހި ހުނަރުވެރިންގެ އަގު ވަޒަންކުރުންކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެމްއެމްޕީއާރުސީއިން ބުނީ މިއުޒިކް، ވިޝުއަލް އާޓްސް، ފޮޓޯގްރަފީ، ފިލްމް، ލިޔުންތެރިކަން، ޕާފޯމަންސް އަދި ޑިޖިޓަލް މީޑިއާ ފަދަ ގިނަ ދާއިރާތަކުގެ އުފެއްދުންތެރި ވިސްނުމަށް މި އިނީޝިއޭޓިވްއިން މަރުހަބާ ކިޔާނެ ކަމަށާއި ހަރުދަނާ ފަންނުވެރި ވިސްނުމަކާއެކު ރާއްޖެ ދުނިޔެއަށް ދައްކާލުމަށް ޝައުގުވެރިކަން ހުރި ކޮންމެ ދިވެއްސަކަށް ވެސް މި ޕްރޮގްރާމަށް ކުރިމަތިލުމަށް އެމްއެމްޕީއާރުސީއިން ހިތްވަރުދޭ ކަމަށެވެ. އެމްބެސެޑާޝިޕް ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުން އަމިއްލަ ފަންނުވެރި ހިޔާލާއި ސަގާފީ ހޭލުންތެރިކަމާއި ދިވެހި ރޫހު ދުނިޔެއަށް ހެޔޮ ގޮތުގައި ތަމްސީލުކުރުމުގެ އަޒުމް ދައްކުވައިދޭން ޖެހޭ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެމްއެމްޕީއާރުސީއިން ވަނީ ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި ބޭންޑް "2އޮފްއަސް" ހޮވައިފައެވެ. އެގޮތުން މި ބޭންޑު އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާފޯމަންސްތައް ހިމެނޭހެން ހުރިހާ ޝޯއަކާއި އިވެންޓެއްގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓު ކުރަމުންދާނެ ކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ސެޕްޓެމްބަރު މަހު "ބްރިޓަންސް ގޮޓް ޓެލެންޓް 19" ގައި އޮޑިޝަންކުރުމަށް ދައުވަތު ވެސް 2 އޮފްއަސްއަށް ވަނީ ލިބިފައެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމަކީ ޑެސްޓިނޭޝަން މާކެޓިން އިނީޝިއޭޓިވްސް ފުޅާކޮށް ރާއްޖެ ފަތުރުވެރިންނަށް އިޝްތިހާރުކުރުމާއި ލޯކަލް ކްރިއޭޓިވް ކޮމިއުނިޓީއާ ދެމެދު ގުޅުން ބަދަހިކުރުމަށް އެ ކޯޕަރޭޝަނުން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އީމެއިލް ކުރުމަށް އެމްއެމްޕީއާރުސީއިން ވަނީ ހުޅުވާލާފައެވެ.