ސިޔާސީ ދާއިރާއަށް އަންހެނުން ވަނުމަށް ހިތްވަރުދިނުމަށް ރައްޔިތުންގެ މަޖިލީހުން ހިންގާ ކެމްޕެއިނެއް ފަށައިފިއެވެ.
އޮސްޓްރޭލިއާ ސަރުކާރާ ޔޫއެންޑީޕީގެ އެހީގައި ގެންދާ ކެމްޕެއިންގެ ބޭނުމަކީ އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުންކަމުގައި ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ "ޕްރެކްޓިސް ޕާލިމަންޓް ޕްރޮގްރާމް" ގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 39 އަންހެނުން ބައިވެރިވެފައިވާއިރު އޭގައި ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ގުޑް ގަވަނެންސް، ޑިމޮކްރަސީ، ކޮރަޕްޝަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އަދި ލާމަރުކަޒީ ނިޒާމުގެ އިތުރުން ޖެންޑާ އިޝޫސްތައް ހިމެނެއެވެ.
2021 ވަނަ އަހަރުން ފެށިގެން އަންހެނުންނަށް ހާއްސަކޮށް ޕްރެކްޓްސް ޕާލިމަންޓް ބާއްވަމުން އަންނައިރު މިހާތަނަށް ހިންގި ޕްރޮގްރާމްތަކުން 225 އަންހެން ވަނީ ބައިވެރިވެފައިވެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ގިނަ ފަރާތްތަކަކީ އިޖްތިމާއީ އަދި ސިޔާސީ ދާއިރާގައި އެކި ގޮތްގޮތަށް ހަރަކާތްތެރިވާ އަންހެނުން ކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އިންތިހާބުވެފައިވާ 3 އަންހެން ކަނބަލުންނެވެ. މިއީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރާއި މެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް ކަމުގައި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ގިނަ ފަރާތްތަކުން ބުނަމުން އަންނައިރު، މި ސަރުކާރުންވެސް އަންނަނީ ސިޔާސީ އިސް މަގާމުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމާއެކު، އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.