ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ ސަރުކާރުގެ ކުންފުނި އެމްއެމްޕީއާރުސީއަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ ކުރީ ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެސްއޯއީތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ރިޕޯޓުގައިވާ ގޮތުން، 2020 ވަނަ އަހަރު ނިމުނުއިރު އެ ކުންފުނީގެ އަގު (ނެޓް ވޯތު) އުޅެނީ 7.04 މިލިއަން ރުފިޔާގައެވެ. އެކަމަކު 2024 ވަނަ އަހަރު ނިމުނުއިރު އެމްއެމްޕީއާރުސީގެ އަގު 212.87 މިލިއަން ރުފިޔާ ދަށަށް ގޮސްފައެވެ. ކުންފުނީގެ މާލީ ގެއްލުމަށް ބަލާލާއިރު:

  • 2020: 1.62 މިލިއަން ރުފިޔާ
  • 2021: 141.98 މިލިއަން ރުފިޔާ
  • 2022: 42.29 މިލިއަން ރުފިޔާ
  • 2023: 18 މިލިއަން ރުފިޔާ

އެއީ 203.89 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

ކޮމިޓީގެ ރިޕޯޓުގައި އެމްއެމްޕީއާރުސީ އާ ބެހޭ ގޮތުން ބަޔާންކޮށްފައިވާ ބައެއް ކަންކަން:

ރިޕޯޓުގައިވާ ގޮތުން، އެމްއެމްޕީއާރުސީން ވަނީ 2019 ވަނަ އަހަރު އެމްޕީއެލުން 85.14 މިލިއަން ރުފިޔާގެ ލޯނެއް، 4.6 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި 15 އަހަރު ދުވަހުގެތެރޭ ދައްކާ ގޮތަށް ނަގައިފައެވެ. ކޮމިޓީން އެއްކުރި މައުލޫމާތުގައިވާ ގޮތުން، އެމްއެމްޕީއާރުސީން އެންމެ ފަހުން ލޯނަށް ފައިސާ ދެއްކީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައެވެ. އަދި ބާކީ 78.68 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި އެމްއެމްޕީއާރުސީން ދައްކަން ޖެހެއެވެ.

މީގެ އިތުރުން ފަތުރުވެރިން އިތުރުކުރުމަށްޓަކައި އެމްއެމްޕީއާރުސީން 25 ޕްރޮގްރާމެއް ހިންގަމުންދާ ކަމަށް ކޮމިޓީގެ ރިޕޯޓުގައިވެއެވެ. އޭގެ ތެރެއިން 16 ޕްރޮގްރާމެއް މި ޖުލައިގެ ކުރިން ނިމޭނެ ކަމަށް ކޮމިޓީ ރިޕޯޓުގައި ވެއެވެ. އަދި އެންމެ ބޮޑު ހަރަދެއް ކުރާނެ ކަމަށް ކޮމިޓީ ރިޕޯޓުގައި އޮތީ ލިވަޕޫލް ފުޓްބޯޅަ ކްލަބާ ގުޅިގެން ހިންގާ ޕްރޮގްރާމަށެވެ.

ކޮމިޓީން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެމްއެމްޕީއާރުސީގެ ޕްރޮގްރާމްތައް ހިންގުމަށް ދަތިވެފައިވަނީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ނެތުމުގެ ސަބަބުން، ރާއްޖޭން ބޭރުގެ ޕީއާރު ކުންފުނިތަކާ އެކު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ފައިސާ ނުދެއްކޭތީއާއި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތުގައި ޕީއާރު ކުންފުނިތަކުގެ އެއްބާރުލުން ނުލިބޭތީއެވެ.

އެމްއެމްޕީއާރުސީގެ ދަރަންޏާއި ގެއްލުން ގިނަ ކަމަށާއި، އެހެންވެ އެ ކުންފުނި ބަނގުރޫޓުވުމުގެ ނުރައްކާ އެބައޮތްކަން ފާހަގަކޮށް، އެމްއެމްޕީއާރުސީއަކީ ސަރުކާރަށް ބަރޯސާވާ ކުންފުންޏަކަށް ވާތީ، އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ހެދުމަށްޓަކައި އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ކޮމިޓީ ރިޕޯޓާ ގުޅިގެން އެމްއެމްޕީއާރުސީން ބުނީ ކީކޭ؟

މިއަދު ނެރުނު ބަޔާނެއްގައި އެމްއެމްޕީއާރުސީން ބުނީ، އެ ކުންފުނީގެ މާލީ ގެއްލުމަކީ ކުރީ ސަރުކާރުގެ ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި ޖަމާވެފައިވާ ގެއްލުން ކަމަށާއި، މާލީ ގެއްލުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހާއި ކަމާ ގުޅުންހުރި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލައިގަނެ، ހާމަކަން ބޮޑު ގޮތެއްގައި އެ ކުންފުނިން ޖަވާބުދާރީވަމުން ގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ މަސައްކަތްތައް އިސްލާހުކޮށް ހަރުދަނާކުރުމަށްޓަކައި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން:

  • މިހާރު ހިނގަމުންދާ ހަރަދުތަކުގެ 10 ޕަސެންޓު ކުޑަކުރެވިފައިވޭ
  • މަސައްކަތުގެ ރޭޓަށް ބަލައި އެމްއެމްޕީއާރުސީގެ ބައިނަލްއަގުވާމީ ޕީއާރު ޕާޓްނާޝިޕްތައް 21 އިން 6 އަށް މަދުކުރެވިފައިވޭ
  • މި މަސައްކަތުގެ ސަބަބުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވޭ

އެ ކުންފުނިން ބުނިގޮތުގައި، ކުންފުނީގެ ބަޖެޓުގެ ގާތްގަނޑަކަށް 80 ޕަސެންޓު ޓްރޭޑް ޝޯ ތަކާއި ފެއާތަކަށް ބޭނުންކޮށްފައިވީ ނަމަވެސް، ކުންފުނީގެ ހަރަދުތައް އަލުން އެކުލަވާލައި 34 ޕަސެންޓު ހަރަދުތައް ކުޑަކޮށްފައިވާނެއެވެ. އަދި ބައިވެރިވާ ކޮންމެ ހަރަކާތަކުން ދެ މިލިއަން ރުފިޔާ ސަލާމަތްކުރަމުން، ފަތުރުވެރިކަމުގެ ސިނާއަތުގައި އެ ކުންފުނީގެ ބައިވެރިވުން އަދިވެސް ދަމަހައްޓަމުންދާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.