މިދިޔަ އާދިއްތަ ދުވަހު މާލޭގެ ގެއަކަށް ވަގަށް ވަދެ، އެ ގޭގައި ހުރި އަގުބޮޑެތި ސާމަނުތަކެއް ވަގަށް ނަގައިފިއެވެ.
ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދުގެ ގެއިން 40،000 ރުފިޔާގެ މުދާ ވަގަށް ނަގާފައިވާއިރު އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ހުންނަ އޭނާގެ ގެއަށް ބަޔަކު ވަދެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު 6:13 ހާއިރު ކަމަށެވެ.
އެ ގެއަށް ވަދެ ވައްކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އެ ގެއިން ވަގަށް ގެންދިޔަ ތަކެތި ވިއްކަން އުޅުނު ދެ މީހެއްގެ ފޮޓޯ ހިއްސާކޮށް އަލީ ހާލިދު ވިދާޅުވީ އެ ދެ މީހުން އެ ގެއަށް ވަނީ ގޭގެ ފެންލައިޓަކުންކަމަށެވެ. އެ ފެންލައިޓަށް އެ މީހުން އެރީ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އެ ގެއާ ޖެހިގެން ހުންނަ ގެއަކުންކަން ފާހަގަކޮށް އަލީ ހާލިދު ވިދާޅުވީ އެ މީހުން އެ ގޭ ތެރޭގައި ވިއްސަކަށް މިނެޓު ހޭދަކުރިކަމަށެވެ.
އެމީހުން އެގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ވަންޕްލަސް ޓެބްލެޓަކާ، އައިފޯނަކާ، ދެ ލެޕްޓޮޕްގެ އިތުރުން ބްލޫޓޫތް ސްޕީކަރަކާ، އަވިއައިނަކާ އަދި ސެންޓުގެ އިތުރަށް ދަބަސްތަކެއް ހިމެނެއެވެ. އެ ތަކެތީގެ އަގު 40،000 ރުފިޔާއަށް އަރާއިރު އެ ދުވަހުގެ ހެނދުނު 07:30 ހާއިރު އެ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވާކަމަށް އަލީ ހާލިދު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ވައްކަންކުރަން ވަތް ދެ މީހުން ތިބީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އެގޮތުން އެ މީހުން ތިބީ އަތަށް އަންގި އަރުވައިގެން ކަމުން އެއްވެސް މީހެއްގެ ފިންގަޕްރިންޓްގެ ނިޝާން ވެސް ސީނުން ފެނިފައިނުވާކަމަށާއި ސީސީޓީވީ ފުޓޭޖު ފުސްކަމުން އެ މީހުންގެ މޫނު ވަކިކުރަން އުނދަގޫ ކަމަށެވެ.
އެގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ފުލުހުންގެ އެހީތެރިކަމާ އެކު ޓްރޭސްކޮށްގެން އެއް ފޯނު ހޯދާފައިވާއިރު، ވަގަށް ނެގި ބައެއް ތަކެތި ވިއްކަން އުޅުނު ދެމީހަކު ހައްޔަރު ކޮށްފައިވާކަމަށް އަލީ ހާލިދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ވައްކަމުގައި އެންމެ އިސްކޮށް ހުރި ކަމަށް ޝައްކު ކުރެވޭ މީހާ އަދިވެސް ފިލައިގެން އުޅޭތީ އޭނާ ހައްޔަރުކުރެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފަހުން އެމީހާ ފެނުނީ ރަތް ކުލައިގެ ދަބަހެއް ހިފައިގެން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ކަމަށް ވިދާޅުވެ އަލީ ހާލިދު ވަނީ އެމީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
މި ކުށުގައި ބައިވެރިވި ހުރިހާ އެންމެންނަކީ ކުށުގެ ރެކޯޑު އޮންނަ މީހުންކަން ފާހަގަކޮށް އަލީ ހާލިދު ވިދާޅުވީ އޭގެތެރެއިން އެއްބައި މީހުންގެ ރިކޯޑު 40އަށް ވުރެ މައްޗަށް އަރާކަމަށެވެ.
މިހާދިސާއާ ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.