އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަކީ ގައުމަށް ގައްދާރުވި ބޭފުޅެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ސިފަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން ކޯޓުތަކަށް އިހުމާލުވެފައިވާ ކަމަށާއި، ކޯޓުތަކުގައި ޖާގަ ނެތުމާއި މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ނެތުން ފަދަ ޝަކުވާތައް ފަނޑިޔާރުން އަބަދު ވެސް ކުރާ ކަމަށެވެ. އެ ޝަކުވާތައް އަޑުއެހުމުގެ ބަދަލުގައި އެއިރެއްގައި އޮންނަ ސަރުކާރަކުން އަބަދު ވެސް ބަލަނީ ކޯޓުތައް ކޮންޓްރޯލްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަގާމުގެ ހުވާކުރެއްވި ދުވަހު ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ފެނުނީ ސަރުކާރުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ވި ޕާޓީން އަމިއްލައަށް ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅޭ މައްސަލައިގެ ތެރެއަށް ވަދެ ކޯޓުގެ ބާރު ކަނޑުވާލި މަންޒަރު ކަމަށް އައްބާސް ވިދާޅުވިއެވެ.

ހަމަ އެއާއެކު އުއްތަމަ ފަނޑިޔާރު ގައުމަށް ގައްދާރުވި ކަމަށް ސިފަކުރައްވައި އައްބާސް ވިދާޅުވިގޮތުގައި، އުއްތަމަ ފަނޑިޔާރުގެ ބޭނުން ގައުމަށް ޖެހުނު ދުވަހު އުއްތަމަ ފަނޑިޔާރު ހުންނެވީ ހަނެވެ.

"އެ ބޭފުޅެއްގެ ބޭނުން ގައުމަށް ޖެހުނު ހިނދު، ދިވެހި ދައުލަތުން ރައްޔިތުންގެ ފައިސާއިން އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ނަންގަވައި ހުންނަވައި ހަނު ހުންނެވުން އެއީ ގައުމަށް ގައްދާރުވުން،" އޭނާ ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ ފަނޑިޔާރުން ވެސް ބިރުވެތިވާން ޖެހޭ ކަމަށާއި، ފަނޑިޔާރުން ރިޝްވަތުގެ ފައިސާގައި ޖެހި ވަކި ބަޔަކު ބުނާހާ ގޮތަކަށް ޝަރީއަތްތައް ހިންގައި ވަކި ބަޔަކު ބުނުމުން ހަނު ހުރުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށާއި، ގައުމަށް ގައްދާރުވުން ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ވަނީ، ރިޓަޔާކުރެއްވުމަށް މިދިޔަ މަހު ޖޭއެސްސީއަށް ހުށަހަޅުއްވައިފައެވެ. މުއުތަސިމް ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ މެދުތެރޭގައެެވެ. ވަކީލު ކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެމަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ޖަލްސާތަކުން މިހާރު ހުންނެވި ހައިސިއްޔަތުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގައެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ.