އިޒްރޭލާއި، އިރާނުގެ ހަނގުރާމައަށް ދެ ހަފްތާވާން ކައިރިވެފައިވާއިރު، ހަނގުރާމައިގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިޒްރޭލުން، އިރާނަށް ދިން ހަމަލާއާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާއެކު މެދު އިރުމަތީގެ ހަމަނުޖެހުންތައް އިތުރުވެފައިވާއިރު މިކަމުގެ އަސަރު އިގްތިސާދަށްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ފާއިތުވި އެއް ހަފްތާތެރޭ އިރާނާއި، އިޒްރޭލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި އިގްތިސާދަށްވެސް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ.

އިޒްރޭލުން މިހާރުވެސް ފަލަސްތީނުގެ ގާޒާއަށް ހަމަލާދިނުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަކޮށްފައިވާއިރު، ވައިގެ މަގުން އިރާނަށް ހަމަލާ ދިނުމަށް އިޒްރޭލުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. އެމެރިކާ އިސްވެ އޮވެ، އީރާނަށް މީގެ ކުރިން ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގޮސްފައިވާއިރު މި ހަނގުރާމައާއި އެކު މިހާރު އިރާނުގެ ތެލާއި ގޭހުގެ ވަސީލަތްތަކަށްވެސް ވަނީ ގެއްލުން ދޭން ފަށާފައެވެ.

މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ އިޒްރޭލާއި، އިރާނުގެ މި ކޯޅުމުގެ ސަަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ކަމަށް ބެލެވޭ ކޮން ބަޔަކަށް ހެއްޔެވެ؟ އަދި މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ލިބޭނެ ގެއްލުމަކީ ކޮބައި ހެއްޔެވެ؟

އީރާނާއި އިޒްރޭލުގެ ކުރިމަތިލުންތަކާ ގުޅިގެން މެދުއިރުމަތީގެ ތެޔޮ ސަޕްލައި ކުރުމަށް ބުރޫ އަރާފާނެކަމުގެ ބިރު ހީވެފައިވާއިރު، އިޒްރޭލުން އީރާނުގެ ތެޔޮ އުފައްދާ ކާރުހާނާތަކަށް ހަމަލާތައް ދީފި ނަމަ ތެލުގެ އަގު 80 އާއި 100 އާ ދެމެދަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ދުނިޔޭގެ ތެލުގެ ސަޕްލައި ފަސް ބައި ކުޅަ އެއްބައި، ދަތުރުކުރާ ހޮރްމުސް ކަނޑުއޮޅި ބަންދުކޮށްފާނެކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅު، ދުނިޔޭގެ އިގްތިސާދު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.

ތެލުގެ އަގު މައްޗަށް ދާއިރު ބާޒާރުގައި އެހިނިހެން ތަކެތީގެ އަގުވެސް ވަރަށް މައްޗަށް އުފުލިގެން ދާނެއެވެ. ހާއްސަކޮށް ކާނާ އާއި ހެދުން އަދި ކެމިކަލް ފަދަ ހަކަތަ ގިނައިން ބޭނުންކުރާ މުދަލުގެ އަގު އިންތިހާއަށް ބޮޑުވެގެންދާނެއެވެ. ތެލަށް ބަރޯސާވެފައިވާ ގައުމުތަކުގެ އިންފްލޭޝަން ރޭޓް ބޮޑުވެ، އިގްތިސާދު ކުރިއަރައިގެން ދާ މިންވަރު ވަރަށް ބޮޑަށް ދަށްވެގެން ދާނެއެވެ. އިގްތިސާދީ ތަޖުރިބާކާރުން ބުނާގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި، މަރުކަޒީ ބޭންކުތަކުން، އަގުތައް މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސިޔާސަތުތައް ބަދަލުކޮށް، ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެއެވެ.

އިޒްރޭލުން އިރާނުގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ، އިރާނަށް ރޭ ހަމަލާދީފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ހަނގުރާމައިގެ ތެރެއަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަންނާނެކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މި ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އުފެއްދުންތެރިކަން ކުޑަ، އެހެން ގައުމުތަކުން މުދާ އެތެރެކުރުމަށް ބަރޯސާވެފައިވާ ރާއްޖެފަދަ ކުދި ގައުމުތަކަށްކަން ޔަގީނެވެ. މި ހަނގުރާމައިގެ ސަބަބުން ޑޮލަރު އަގު އުފުލި، އެއްގަމާއި ކަނޑު ދަތުރުފަތުރަށް ހުރަސް އެޅިގެން ދާއިރު، ދުނިޔޭގެ މުއާސަލާތީ ހިދުމަތްތަކަށްވެސް އެކަމުގެ ބޮޑު އަސަރެއްކުރާނެއެވެ.