ހޮރުމުޒް ކަނޑުއޮޅިން އާގުބޯޓުފަހަރަށް ދަތުރުކުރެވޭނެ ވަގުތީ ކަނޑުމަގެއް ކަނޑައެޅުމަށް އީރާނާއި އޮމާނުން އެއްބަސްވެއްޖެއެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބާބާދީ އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި، އަލަށް ކަނޑައެޅި މަގަށް ވަންނަ ސަރަހައްދާއި ނުކުންނަ ސަރަހައްދުގެ ބައެއް އޮންނާނީ އީރާނުގެ ކަނޑުގެ ސަރަހައްދުގައެވެ. އަދި މި ޓްރާންސިޓް ކޮރިޑޯގެ ފުޅާމިނުގައި 7 މޭލު (11.3 ކިލޯމީޓަރު) ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ތަރުޖަމާނަކު ބުނި ގޮތުގައި، އޮމާނާއެކު މަޝްވަރާތައް ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަދި ކަނޑުއޮޅީގެ ފެނުގެ ސަރަހައްދާއި އެތަނުން ލިބޭ އާމްދަނީ ދެ ގައުމަށް ބެހިގެންދާނެ ގޮތަކާ މެދު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.
މި އެއްބަސްވުމާއެކުވެސް ހޮރުމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލީ ކަމަށް އީރާނުން ގަބޫލުނުކުރާ ކަމަށް ގަރީބާބާދީ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި އޮމާނާއެކު ހެދި ވަގުތީ އެއްބަސްވުމެކެވެ.
އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިއާ ވިދާޅުވި ގޮތުގައި، ކަނޑުއޮޅިއަށް ވަންނަ އުޅަނދުތައް އީރާނުން މޮނިޓާކުރާނެއެވެ. އަދި އެ ސަރަހައްދުން ދަތުރުކުރެވޭނީ އީރާނުގެ ހުއްދަ ލިބިގެންނެވެ.
ގަރީބާބާދީ ވިދާޅުވި ގޮތުގައި، ކަނޑުއޮޅި އެއްކޮށް ހުޅުވާލާނީ ޖޫން މަހު އެމެރިކާއާއެކު ވެފައިވާ ވަގުތީ ސުލްހައިގެ އެއްބަސްވުމުގައިވާ ކަންކަން އެމެރިކާއިން ފުރިހަމަކުރުމުންނެވެ. އޭގެ ތެރޭގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުން ހިމެނެއެވެ. ޖޫން 17 ގައި އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ 60 ދުވަހުގެ ވަގުތީ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ހޮރުމުޒް ކަނޑުއޮޅި ވަނީ އާގުބޯޓުފަހަރަށް ބަންދުވެފައެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ އީރާނާ ދެކޮޅަށް އިގުތިސާދީ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އިއުލާންކުރައްވާފައެވެ. އަދި އީރާނުގެ ތެޔޮ ވިއްކުމަށް އެހީތެރިވާ ކަމަށް ތުހުމަތުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 ފަރާތަކާ ދެކޮޅަށް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހޯމަ ދުވަހު ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާންކުރައްވާފައެވެ.
މީގެ އިތުރުން، އެމެރިކާއާއި އީރާނާ ދެމެދު ވެވޭ ސުލްހައިގެ އެއްބަސްވުމަކަށް އޮމާނުން ހުރަސްއަޅައިފިނަމަ، އޮމާނަށް ބޮމުގެ ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ އޮގަސްޓް 17 ގައި ފޮކްސް ނިއުސް މެދުވެރިކޮށް ދެއްވާފައެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި އޮމާނުގެ ފޮރިން މިނިސްޓަރު ބަދްރު އަލްބުސައިދީ އަންގާރަ ދުވަހު ތެހެރާނުގައި ވަނީ ބައްދަލުކުރައްވާފައެވެ. އަލްބުސައިދީ ވިދާޅުވި ގޮތުގައި، ވަގުތީ ކަނޑުމަގާ ގުޅޭ ތަފްސީލުތައް ވަރަށް އަވަހަށް އިއުލާންކުރާނެއެވެ. އަދި ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ދާއިމީ ހައްލެއް ފަހުން ހޯދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގައި އަދިވެސް ސާފުނުވާ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ކަނޑުމަގުގެ ސީދާ ކޯޑިނޭޓްތަކާއި، އުޅަނދުތަކަށް ދަތުރުކުރަން ފެށޭނެ ތާރީހެއް އަދި އާމްދަނީ ހޯދާނެ ގޮތެއް ހިމެނެއެވެ.
އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އީރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅީގައި މައިން ހަރުކޮށްފައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ 28 މައިން އަޅާ ބޯޓު އެމެރިކާ ސިފައިން ނައްތާލާފައިވާ ކަމަށެވެ. ނަމަވެސް ގަރީބާބާދީ ވަނީ މިކަން ދޮގުކުރައްވައި، އެމެރިކާގެ މައިން ހޯދާ އުޅަނދުތައް އެ ސަރަހައްދަށް ވަދެއްޖެނަމަ އެއީ ހަމަލާދޭނެ އަމާޒުތަކަކަށް ވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނި ގޮތުގައި، އަންގާރަ ދުވަހު އޮމާނުގެ އައްޝީޝާ ކައިރިން ތެޔޮ ޓޭންކަރަކަށް ވަނީ ހަމަލާއެއް އަމާޒުވެފައެވެ.
