މާލޭގެ މައި މަގު، މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މަޖީދީމަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެގޮތަށް ޕާކުކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އިއްޔެ ފެށި މި މަސައްކަތުގައި ޖުމްލަ 42 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅު ލީ 37 އުޅަނދާއި ހަތަރު ފުރޮޅުލީ 5 އުޅަނދެވެ.

މީގެ އިތުރުން ވެސް ފުލުހުން ވަނީ އުޅަނދުތައް ޕާކުކުރުމަށް ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ދި މާލޭގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެމުންދާ އެއްބާރުލުން ފާހަގަކޮށްފައި ވެއެވެ.

މަޖީދީ މަގުގެ ދެ ފަރާތުގައި ވެސް ޕާކް ކުރުމަކީ މަނާ ކަމެއް ނަމަވެސް މިހާރަކަށް އައިސް މަގުގެ ދެ ފަރާތުގައި ވެސް ޕާކް ކުރުމަކީ އާންމު ކަމެކެވެ. އެއާއެކު ޓްރެފިކް ތޮތްޖެހި ބައެއް ފަހަރު އެމްބިއުލޭންސް ފަދަ މުހިންމު އުޅަނދުތައްވެސް ދުއްވަން އުނދަގޫވެފައި ވެއެވެ.