ޕޯޗުގަލްގެ 40 އަހަރުވީ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގެ އަލް ނަސްރާ މި އަހަރު ވަކިވާނެ ކަމުގެ އިޝާރާތެއް ދީފިއެވެ. ރޮނާލްޑޯ މި ގޮތަށް އިޝާރާތެއް ދީފައިވަނީ މިވަނީ އިއްޔެ ސައުދީ ޕްރޯ ލީގުގެ ސީޒަން ނިންމާލި ފަހުން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.
އަލް ނަސްރުގެ ޖާޒީގައި އޭނާ ފެންނަ ފޮޓޯއަކާ އެކު ކޮށްފައިވާ މި ޕޯސްޓްގައި ރޮނާލްޑޯ ބުނެފައި ވަނީ މި ބާބު ނިމުނީ ކަމަށާ އެހެން ނަމަވެސް ވާހަކަ އަދި މުޅިން ނުނިމޭ ކަމަށެވެ. އަދި އޭނާއާ ގުޅުން ހުރި ހުރިހާ ފަރާތަކަށް ޝުކުރުވެރިވާ ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ.
އަލް ނަސްރު މި ސީޒަން ނިންމާލީ ސައުދީ ލީގުގެ 4 ވަނައިގައި އޮވެގެންނެވެ. ލީގުގައި ރޮނާލްޑޯގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިގެން ނުވާ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވީ ނަމަވެސް މި ސީޒަންގެ ޓޮޕް ސްކޯރާ އަކީ ރޮނާލްޑޯއެވެ.
2022 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން އަލް ނަސްރާ ގުޅުނު ރޮނާލްޑޯ ސައުދީގެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން މި އަހަރު ހަމަވާނެއެވެ. ރޮނާލްޑޯގެ އެއްބަސްވުން އާ ކުރާނެ ކަމުގެ އިޝާރާތެއް ކްލަބުން ދީފައި ނުވާ އިރު މިއަހަރުގެ ޖޫން/ޖުލައިގައި އޮންނަ ކްލަބް ވޯލްޑް ކަޕް މުބާރާތުގައި ރޮނާލްޑޯ ފެނިދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވަނީ ދާދި ފަހުން ބުނެފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ 32 ޓީމު ކުޅޭ މި މުބާރާތުގައި އަލް ނަސްރު ވާދަ ނުކުރާނެއެވެ.
އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވާ ކްލަބްތަކަށް ކުޅުންތެރިން ގަތުމަށް ފުރުސަތުތައް ދިނުމަށް ޖޫން 1 އިން 10 ހާއްސަ ޓްރާންސްފާ ވިންޑޯއެއް ހުޅުވިގެންދާނެއެވެ.
ކްލަބް ވޯލްޑް ކަޕްގައި ވާދަ ކުރާ ޓީމުތަކުގެ ތެރޭގައި ސްޕެއިންގެ ރިއާލް މެޑްރިޑް، އިންގްލެންޑްގެ މެންޗެސްޓާ ސިޓީ، ޗެލްސީ، ފްރާންސްގެ ޕީއެސްޖީ އަދި ޖާމަނީގެ ބަޔާން މިއުނިކް ހިމެނެއެވެ.
އެމެރިކާގެ އިންޓާ މަޔާމީ ވެސް މި މުބާރާތުގައި ވާދަ ކުރާނެ އިރު މެސީ އަދި ރޮނާލޯޑްގެ ކުރިމަތިލުމެއް ފެނިދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.