ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކޮވިޑް-19 ގެ އެހީގެ ގޮތުގައި އެފްއޭއެމަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިއްލަ މަންފާއަށް ބޭނުންކުރި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން މުޅި އުމުރަށް ސަސްޕެންޑްކޮށްފިއެވެ.
ފީފާގެ އެތިކްސް ކޮމިޓީން ނިންމި މި ނިންމުމުގައި ބައްސާމް އުމުރަށް ސަސްޕެންޑް ކުރުމުގެ އިތުރުން، 1 މިލިއަން ސްވިސް ފްރޭންކް (ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.
ބައްސާމްގެ އިތުރުން އެފްއޭއެމްގެ ކުރީގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ޑިރެކްޓަރު މުހައްމަދު އަގީލް ވެސް 10 އަހަރު ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އަދި ފީފާގެ ފައިސާއަށް ހިޔާނާތްތެރިވުމަށް މަގުފަހިކޮށްދީ އެކަން ފޮރުވުމާއި، ފޯޖްކޮށްފައިވާ ލިޔެކިޔުންތައް ބޭނުންކުރުމުގެ އިތުރުން ފީފާގެ އެތިކްސް ކޮމިޓީއަށް އެއްބާރުލުން ނުދިން މައްސަލައިގައި 100،000 ސްވިސް ފްރޭންކުން (ގާތްގަނޑަކަށް 122،000 ޑޮލަރު) ޖޫރިމަނާކުރުމަށްވެސް ފީފާއިން ވަނީ ނިންމާފައެވެ.
ފީފާގެ އެތިކްސް ކޮމިޓީގެ ނިންމުމުގައިވާ ގޮތުން ބައްސާމް ވަނީ ފީފާގެ އެތިކްސް ކޯޑުގެ ގިނަ މާއްދާތަކަކާ ހިލާފުވެފައެވެ. މީގެ ތެރޭގައި އިއްޒަތާއި އަބުރު ރައްކާތެރިކުރުމުގެ މާއްދާއާއި، މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުމުގެ މާއްދާ އާއި ކޮވިޑް-19 އިން އަރައިގަތުމަށް ދިން ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ހިމެނެއެވެ.
ބައްސާމްގެ މައްޗަށް، ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާ އާއި ބޭރުގެ އިދާރާތަކުން ލިބުނު އެހީގެ ފައިސާ ބޭނުންކޮށްގެން އަމިއްލަ މަންފާއަށް ހުޅުމާލޭގެ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތުމާއި، މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ އަމަލުތައް ހިންގިކަމުގެ ދައުވާވަނީ ސާބިތުވެފައެވެ. އަދި ކްރިމިނަލް ކޯޓުން ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އަމީން އެވެނިއުއިން ގަތް ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ. އެހެންނަމަވެސް އޭނާގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބައްސާމް މިހާރު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.
