ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ދައްކަން އޮތް ބޮޑު ދަރަނި އެ ކޮންފެޑެރޭޝަނުން މައާފުކޮށްދީ، ރާއްޖެއާ ދެކޮޅަށް އަޅާފައިވާ ފައިނޭންޝަލް ސަސްޕެންޝަން އުވާލައި އިތުރު ލުއިތަކެއް ދީފިއެވެ.
މި މައްސަލަ އުފެދިގެން ދިޔައީ 2023 ވަނަ އަހަރު އޭއެފްސީން ރާއްޖެއަށް ދޫކުރި އެހީގެ ފައިސާއަށް އެފްއޭއެމްގެ އޭރުގެ ވެރިން ހިޔާނާތްތެރިވިކަން އޮޑިޓުން ފަޅާއަރައިގެންނެވެ. އެއާއެކު 253،030 އެމެރިކާ ޑޮލަރު (3.9 މިލިއަން ރުފިޔާ) އަނބުރާ ހޯދަން އޭއެފްސީން އެންގި ނަމަވެސް އެ ފައިސާ ނުދެއްކުމުން، 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެއްވެސް މާލީ އެހީއެއް ނުލިބޭ ގޮތަށް އޭއެފްސީން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައި ފަންޑުތައް ހިފަހައްޓާފައެވެ.
އެހެންނަމަވެސް، އެފްއޭއެމްގެ އާ މެނޭޖްމަންޓުން އޭއެފްސީއާއެކު ކުރި މަޝްވަރާތަކަށްފަހު، ރާއްޖެއަށް ދީފައިވާ އަދަބުތައް ބާޠިލުކޮށް، ދައްކަން އޮތް ދަރަނި އެއްކޮށް ކަނޑާލަން އެ ކޮންފެޑެރޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން މިހާރު ވަނީ ނިންމާފައެވެ. މީގެއިތުރުން، އަންނަ އަހަރުން ފެށިގެން އޭއެފްސީގެ އެހީގެ ޕްރޮގްރާމްތަކުގައި ރާއްޖެއަށް އަލުން ބައިވެރިވެވޭނެ މަގުވެސް މިހާރު ވަނީ ތަނަވަސްކޮށްދީފައެވެ.
މިކަމާ ގުޅިގެން އެފްއޭއެމުން ފާހަގަކުރި ގޮތުގައި، މިއީ ރާއްޖޭގެ ފުޓުބޯޅައިގެ މާލީ ހާލަތު ރަނގަޅުކޮށް، ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުޅިވަރު ކުރިއެރުވުމަށް އެޅުނު ވަރަށް ބޮޑު ބާރެކެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި، އޭއެފްސީ އަދި ފީފާއިން ދިން އެހީތަކަށް ވެފައިވާ ހިޔާނާތްތަކާއި މަނީ ލޯންޑްރިންގގެ މައްސަލަތަކުގައި ކުށް ސާބިތުވެ، އޭނާ މިހާރު ވެސް ދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ފީފާއިން ވަނީ ބައްސާމް 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން އުމުރަށް ސަސްޕެންޑް ވެސް ކޮށްފައެވެ.
