ގަވާއިދާ ހިލާފަށް ދުންފަތް ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މެއި މަހުގެ 23 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު، ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓު ފޮށިތަކެއް ފެނިފައިވާ ކަމަށެވެ.

އެގޮތުން މެންޗެސްޓާ ބްރޭންޑުގެ 32 ކާޓޫނު ސިނގިރެޓް ފެނުނުކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނީ، މި މައްސަލައާ ގުޅިގެން ބަންގްލަދޭޝް މީހެއް ކަމަށްވާ އަބްދުލް ކަރީމް (45އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް ބިދޭސީ މީހާ އެތެރެކުރި ކަމަށް ބެލެވޭ ސިނގިރޭޓު ފޮށި

ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާ ކުރުމުގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން މިދިޔަ އަހަރު ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އޭގެފަހުން ގިނަ އަދަދެއްގެ ސިނގިރެޓް ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެންފައިވެ އެވެ.

އެގޮތުން މިދިޔަ އޭޕްރީލްމަހު ވެސް ކަސްޓަމުން ވަނީ ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފަ އެވެ.