އިމިގްރޭޝަންގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ.

މިއަދު އިމްގްރޭޝަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިއްޔެ އިމިގްރޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ފުރަތަމަ ފަހަރަށް އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައިވާކަން ހާމަކޮށްފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ ފޭސް 1 ގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި، ފުލުހުން އަދި ކަމާއި ގުޅުން ހުރި އެހެން އިދާރާތަކުން ގުޅިގެން މަސައްކަތްކުރަމުން އަންނައިރު އިމްގްރޭޝަނުން ވަނީ އިމިގްރޭޝަން ވޮޗް އިން ބިދޭސީންނާއި ގުޅޭ ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.