50 އިމިގްރޭޝަން އޮފިސަރުން ހޮވުމަށް ބާއްވާ ވޯކް-އިން އިންޓަވިއު މިއަދު ފަށާފައިވާ އިރު، އެ އިންޓަވިއުގައި ބައިވެރިވުމަށް ބޭނުންވާ ޒުވާނުން ކިއު ދަމާލައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު އިމިގްރޭޝަންއަށް 50 އޮފިސަރުން ނަގަން ބޭނުންވާ ކަން އިުލާންކޮށްފަިއވާ އިރު، މި އިންޓަވިއު އޮންނާނެ ކަން އިއުލާންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއަދު މި ވޯކް-އިން އިންޓަވިއު ކުރިއަށް ދާނީ ގަލޮޅު ސްކޫލްގައި ހެނދުނު 9 އިން ހަވީރު 5 އަށެވެ.
އެ އިންޓަވިއުގެ އެންމެ ފުރަތަމަ މަރުހަލާގައި ޝަރުތު ހަމަވާ މީހުން ދެނެގަތުމަށްފަހު ޝަރުތު ހަމަވާ މީހުންނަށް ޓޯކަން ނަންބަރެއް ދެއެވެ. އެ ނަންބަރު ސްކޫލުންނާއި އިމިގްރޭޝަންގެ ވެބްސައިޓުން ވެސް ފެންނަން ހުންނާނެއެވެ.
މި ވަޒީފާއާ ގުޅުމުގެ ޝަރުތުތަކަކީ:
- ސާނަވީ ނުވަތަ އެއާ އެއްވަރުގެ އިމްތިހާނަކުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑް ހާސިލް ކޮށްފައިވުން
- ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓަކުން މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލް ކޮށްފައިވުން
- އެމްއެންކިޔުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން
- އުމުރުން 40 އަހަރުން ދަށުގެ މީހަކަށް ވުން
އެ އިންޓަވިއުއަށް ދާއިރު ފުރިހަމަކޮށްފައިވާ ޖޮބް އެޕްލިކޭޝަން ފޯމާއި ސީވީ އާއި އައިޑީކާޑުގެ ކޮޕީ އާއި ތައުލީމީ ސެޓްފިކެޓްތައް ގެންނަން ޖެހެއެވެ. އެ އިންޓަވިއުތައް ގަލޮޅު ސްކޫލްގައި މިހާރު ކުރިއަށް ދާއިރު، އިންޓަވިއުގައި ބައިވެރިވުމަށް ދިޔަ މީހުންގެ ކިއު ވަނީ ގަލޮޅު ސްކޫލްގެ ބޭރުން މަގުމަތިން ގޮސް ލޮނު ޒިޔާރަތް މަގާ ހަމައަށް އޮތް ކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން ވެސް ސަރުކާރު ކުންފުނިތަކުން ވެސް މިފަދަ ވޯކް އިން އިންޓަވިއުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަދަ އިންޓަވިއުތަކުގައި ވަޒީފާއަށް އެދި ކުރިއާލާ ފޯމެއް ހޫށަހަލާކަށް ނުޖެހެއެވެ. ވޯކްއިން އިންޓަވިއުއަށް ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކުންތައް ހިފައިގެން ދިއުމުން ވަގުތުން އިންޓަވިއުކޮށް ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތައް ދެނެގަނެ، އިންޓަވިއުކޮށް އެންމެ އެކަށީގެންވާ މީހުންނަށް ވަޒީފާ ދެއެވެ.