ޗާންދަނީ މަގު ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ.މިލަންދޫ (ނަސީމީވިލާ)، އުމުރުން 29 އަހަރުގެ އިސްމާއީލް ސަމީމްއެވެ.
ފުލުހުން ބުނީ ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދީފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި މި މައްސަލައިގައި އިސްމާއީލް ސަމީމް ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން 7 ގެއަކުން ކަރަންޓު ކެނޑިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން އެމްޑީޕީ ޖަގަހައިން ވެސް ކަރަންޓު ކެނޑިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މިއީ މިރޭ އެމްޑީޕީއިން ބާއްވަން ރޭވި ކުއްލި އެއްވުމާ ގުޅިގެން ކުރި ކަމެއް ކަމަށް އެމްޑީޕީގެ ސަޕޯޓަރުން ދަނީ ތުހުމަތު ކުރަމުންނެވެ.