ހުޅުމާލެ ފޭސް2ގައި ހުއްދަ ނެތި ޑްރޯން އެރުވި މީހާއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުއްދަ ނެތި ޑްރޯން އެރުވި މި މައްސަލައާ ގުޅިގެން ޕޮލިސް ސްޓޭޝަންއަށް ގެންގޮސް ފުލުހުން އަނިޔާކުރި ކަމަށް ވަން އޮންލައިންގެ ނޫސްވެރިޔާ ހަމްދާން އަހްމަދު ވަނީ ތުހުމަތުކޮށްފައެވެ.

ފުލުހުން ބުނީ ރޭ 8:40 ހާއިރު ހުޅުމާޅެ ފޭސް 2 ނިކަގަސްމަގު ބީޗު ސަރަހައްދުގައި މީހަކު ޑްރޯން އަރުވާތީ ހުއްދަ އޮތްތޯ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން އެމީހާއާ ސުވާލުކުރުމުން މައުލޫމާތު ދިނުމަށާއި އަދި ހުއްދަ ދެއްކުމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ އެ މީހާ ފުލުހުންނާ ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި އެ މީހާ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންއަށް ގެންގޮސް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ޑްރޯން އެރުވުމުގެ ހުއްދަ ނެތި ޑްރޯން އެރުވުމުން އޭނާއަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.