ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ހެޔޮ އަމަލުތައް ގިނަ ކުރުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ 'ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން' މި މައުޟޫގެ މައްޗަށެވެ. ﷲގެ ހަޒްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތަކެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަސް ކަމަށެވެ.
އަދި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތަކަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށާއި މި ދުވަސްތަކުގައި ކުރެވޭން އޮތް ސާލިހު އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭ ކަމަށް ވެއެވެ.
މީގެ އިތުރުން ވެސް އަރަފާތު ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމަށާއި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެ ދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އަދި ހަމަ އެހެންމެ މުސްލިމުންނަކީ، އެ މީހުންގެ އަމަލުތަކާއި، ވަގުތުތަކުގައި، ﷲގެ ބަރަކާތާއި ފުއްސެވުމާއި، ރުއްސެވުމުގެ ތެރޭގައި އުޅޭން ޖެހޭ ބަޔެއް ކަަމަށް ވެއެވެ.
"މީހުންގެ ހަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ހަޔާތަކަށް ވެއެވެ. އެ މީހުންގެ ސުލޫކާއި އަހުލާގު ރިވެތި ސުލޫކުކަމުގައި ވެއެވެ. އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބުލިބޭ." ހުތުބާގައި ވެއެވެ.
އެ ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތްﷲ އަށް ޒިކުރުކުރުން ހިމެނޭ ކަމަށާއި، އެކަލާނގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ޒިކުރުކުރުން ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ. މި ދީން ފޯރުކޮށްދެއްވައިފައި ލޮބުވެތި ރަސޫލާ މި ދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެ ބައިމީހުން ނެރުއްވައިފައި ކަމަށް ވެސް ހުތުބާގައި ވެއެވެ.