ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
2007 ގެ ފަހުގެ ޖީލަށް އަންނަ ނޮވެމްބަރުން ފެށިގެން ދުންފަތް މަނާ ކުރާ ގޮތަށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ގައުމަކަށް މި ދިވެހި މުޖުތަމައު ހެދުން ކަމަށެވެ.
އެއާއެކު ރައީސް ވިދާޅުވީ ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން މިކަމުގައި ހިތްހަމަނުޖެހޭ ކަމަށާއި، ނަމަވެސް އެކަމުގެ ފަރުވާލެއް ނެތް ކަމަށެވެ. އަދި ރައީސް ވަނީ ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެ ވިޔަފާރި ހުއްޓާލާ އެހެން ވިޔަފާރިއަކަށް ބަދަލުވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ. ރައީސް ވިދާޅުވީ ދުންފަތުގެ ވިޔަފާރި އަކީ އެމަނިކުފާނު ތަރުހީބު ދޭ ވިޔަފާރިއެއް ނޫން ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކަށް ވަށައިޖެހޭ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން 18 އަހަރުން ދަށް އޮތް ނަމަވެސް އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފައެވެ. އެކަން އިތުރަށް ހަރުކަށިކޮށް މިފަަހަރުގެ ބިލުގައި ވަނީ ދުންފަތުގެ ބާވަތެއް 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށެވެ.
ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލު ކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.