ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް ހާއްސަކޮށް 24 ގަޑިއިރަށް ކުރިއަށް ގެންދާ "ނެޝަނަލް ޓޯޗް ރަން" ފަށައިފިއެވެ.
މި ހަރަކާތް ފައްޓަވައި ދެއްވީ މިއަދު މާފަންނު އެކުވެނި ޓްރެކްގައި ހަވީރު 4 ޖެހި އިރު ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ދުވުން ކުރިއަށް ގެންދާނީ މާދަމާ ހަވީރު 4 ޖެހުމާ ހަމައަށެވެ. މި ހަރަކާތުގައި މިނިސްޓަރުންނާއި އެތްލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވެއެވެ.
ހެލްތް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ މި ދުވުމަކީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ މިނިސްޓްރީން ބުނީ، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމުގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން މާލެއިން ފެށިގެން އަތޮޅުތަކާ ހަމަޔަށް މި ދުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ވުމަށް ކުރާ މި ދަތުރުގައި ކޮންމެ ރަށަކީ ވެސް އުއްމީދުގެ ހުޅުކޮޅެއް އެކުލެވިގެންވާ ދުވުމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، ޖެނެރޭޝަން ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށް ފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތް ކުރުން ކަމަށާއި، ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުން ކަމަށެވެ. އަދި މިކަން ތަންފީޒު ކުރާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަކީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ހަސަން މުހައްމަދު ފާހަގަކުރެއްވިއެވެ.
"ނެޝެނަލް ޓޯޗް ރަން"ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކާ މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ޚާއްސަ އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.

 
												
												 
								 
					 
					 
					 
					 
					 
					 
					