2007 ގެ ފަހުން އުފަންވި، އަދި އުފަންވާ ހުރިހާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި އޭގެ ވިޔަފާރި ކުރުން މަނާކުރާ ގާނޫނު ރާއްޖޭގައި ތަންފީޒުކުރަން ފަށައިފި‏ އެވެ.

2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ހަމަ އެ މަހުގެ 21 ވަނަ ދުވަހު ރައީސް އެ ބިލް ތަސްދީގު ކުރެއްވިއިރު އެ ގާނޫނަށް އަމަލު ކުރަން ފަށާފައި މިވަނީ މިއަދުން ފެށިގެންނެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް މީގެ ކުރިން 18 އަހަރުން ދަށް އޮތް ނަމަވެސް އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފައެވެ. އެކަން އިތުރަށް ހަރުކަށިކޮށް މިފަަހަރުގެ ބިލުގައި ވަނީ ދުންފަތުގެ ބާވަތެއް 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށެވެ.

"ޖެނެރޭޝަނަލް ބޭން" މި ބިލް ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން މިކަމުގައި ހިތްހަމަނުޖެހޭ ކަމަށާއި، ނަމަވެސް އެކަމުގެ ފަރުވާލެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ގައުމަކަށް މި ދިވެހި މުޖުތަމައު ހެދުން ކަމަށް ވިދާޅުވިއެވެ. މިއީ ދިވެހި ތާރީހުގައި ވެސް ދުންފަތާ ދެކޮޅަށް އެޅި މިފަދަ އެންމެ ބޮޑު އެއް ފިޔަވަޅެވެ.

މިއަދު އަމަލު ކުރަން ފެށުނު އާ ގާނޫނާއެކު 2007 ފެށިގެން އުފަންވެފައިވާ އަދި އޭގެފަހުންވެސް އުފަންވާ ކުދިންނަށް މިއަދުން ފެށިގެން ގާނޫނީގޮތުން ދުންފަތް މަނާވާނެއެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރަމުންދާ ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން މަނާކޮށްފަ އެވެ.

ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލު ކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.