ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތުން ކޮށްފައިވާ ޖުމުލަ ހަރަދު 20.3 ޕަސެންޓު ދަށްވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، ދައުލަތުން ކޮށްފައިވާ ޖުމުލަ ހަރަދު ނިމިދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތަ ވަނީ ދަށްވެފައެވެ. އެގޮތުން، މިމަހުގެ 15ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ބަޖެޓުން ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ 4.5 އިންސައްތަ ދަށް އަދަދެކެވެ. މިއަހަރު ދައުލަތުގެ ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާ ޖުމުލަ އަދަދުގެ ތެރެއިން 59.2 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ހަރަދުތަކަށެވެ.
އެގޮތުން، އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ހަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 71.7 އިންސައްތައިން ވަނީ ދަށްވެފައެވެ. އިދާރީ ހިންގުމުގެ ހަރަދުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 7.0 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތަކަށް ހިނގާފައިވާ ހަރަދަށްވުރެ 10.0 އިންސައްތަ ދަށް އަދަދެކެވެ.
މީގެ އިތުރުން މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 އިންސައްތަ ވަނީ އިތުރުވެފައެވެ.