ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ ދައުރު ހަމަވާން ދޮޅު އަހަރަށް ވުމުން ގޮނޑި ހުސްވެއްޖެ ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 15 އިސްލާހު ގެނައުމުގެ މި ބިލު ރައީސް މުއިއްޒު ތަސްދީގުކުރައްވާފައި ވަނީ މިއަދުއެވެ.

މި އިސްލާހު ގެނައުމަށް ނިންމަވާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައެވެ.

މި އިސްލާހާއެކު އަންނާނެ ބައެއް ބަދަލުތައް:

  • ކައުންސިލެއްގެ ރައީސްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ، 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތް ހާލަތެއްގައި މެނުވީ، އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުނުކުރެވުން
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރެއްގެ މެންބަރުކަމުގެ މަގާމު ހުސްވިއިރު އެ ކޮމިޓީގެ އުމުރުގެ ބާކީ އޮތީ 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީގައި މެންބަރުން ނެތް ހާލަތުގައި މެނުވީ، އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބު ނުކުރެވުން

މި ބިލަކީ، މިފިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަންފަށާފައެވެ.