އޭޝިއާގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސައިން ނިޔާޒު ހިމެނިއްޖެއެވެ.
އުރީދޫ އިން ވަނީ އެ ކުންފުނީގެ ސީސީއޯ ނިޔާޒަށް ހޫނު މަރުހަބާއެއް ކިޔާފަ، މިފަދަ ޝަރަފެއް ލިބިގެންދިއުމަކީ ނުހަނު ފަހުރުވެރިވާ ކަމެއް ކަމުގައި ބުނެފައެވެ.
މަޝްހޫރު ބިޒްނަސް މެގަޒިންތަކުގެ ތެރެއިން މެގަޒިނެއް ކަމަށްވާ "ޓްރޭޑް ފްލޮކް" އިން އެކުލަވާލި 2025 ގެ އެންމެ މޮޅު 10 ޓެކް ލީޑަރުންގެ ތެރޭގައި ނިޔާޒް ހިމެނިފައިވާއިރު، އެ މެގަޒިންގައި ވަނީ ނިޔާޒަކީ މިލިޓަރީ ސިގްނަލްސް އެކްސްޕާޓެއްގެ ވަޒީފާ އިން އޫރީދޫގެ ސީސީއޯގެ މަގާމަށް ކުރެއްވި ދަތުރުން ނިޔާޒްގެ ލީޑާޝިޕާއި ކުރިއެރުމަށް ކުރައްވާ މަސައްކަތް ހާމަވާ ކަމުގައި ވަނީ ބުނެފައެވެ.
އެ މެގަޒިންގައި ވަނީ 12 އަހަރު ވަންދެން ނިޔާޒު ސިފައިންގެ މީހެއްގެ ގޮތުގައި ގައުމަށް ހިދުމަތްކޮށްދެއްވާފައިވާ ކަމަށާއި، ޓެކްނިކަލް ދާއިރާއިން ވިޔަފާރީގެ ދާއިރާއަށް ވަޑައިގެންނެވި ބަދަލަކީ އޭނާގެ ކެރިއާގައި މުހިންމު ބަދަލެއްކަމަށެވެ. ނިޔާޒްގެ ލީޑާޝިޕްގެ ދަށުން އުރީދޫ އިން ގިނަ ކާމިޔާބުތަކެއް ހާސިލުކޮށްފައިވާކަމަށާއި، ކޮމްޕެޓިޓަރުން ފަހަތަށް ޖައްސާލާފައިވާކަމަށްވެސް އެ މެގަޒިންގައި ވަނީ ބުނެފައެވެ.
ނިޔާޒު ވަނީ ދާއިރާގައި މިހާ ކުރިއަށް ދެވުމުގެ އަސްލަކީ ޓެކްނޮލޮޖީގެ ދާއިރާއަށް އޭނާގެ ހިތުގައި އުފެދިފައިވާ ލޯތްބާއި ޝައުގުވެރިކަން ކަމުގައި ބުނެފައެވެ. ނިޔާޒް ވިދާޅުވީ ކުރިން އޭނާ އަމާޒުކުރީ ސީދާ ޓެކްނިކަލް މަސައްކަތަށް ކަމުގައިވީނަމަވެސް، މިއަދު އޭނާގެ އަމާޒަކީ ވިޔަފާރީގެ ސްޓްރެޓެޖީ އެކުލަވާލުމާއި ބްރޭންޑް މާކެޓިން، ކަސްޓަމާ ސާވިސް، ސޭލްސް އަދި ޑިސްޓްރިބިއުޝަން ދާއިރާތައް އިސްވެ ހިންގުން ކަމަށެވެ.
އެއާއެކު ނިޔާޒް ވަނީ ޒުވާނުންނަށް އަގުހުރި ނަސޭހަތެއް ދެއްވާފައެވެ. އެގޮތުން އަދާކުރާ ވަޒީފާއަކީ ކުރާ ހިތުން ކުރާ މަސައްކަތަކަށް ހެދުމާއި، އެއީ ތިމާގެ ހޮބީއެއް ކަމުގައި ހެދުމަށް ނިޔާޒް ވަނީ ނަސޭހަތްތެރިވެފައެވެ.