ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި، ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަމަޖައްސައިދީފިއެވެ.

މުދާ ޖެޓީ ތަރައްގީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް، އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް ދިން މުހުލަތު ފަހަނައެޅުމުން، މިއަދު އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން އެންގުމާއެކު ބައެއް އޮޑިވެރިން އެ ސަރަހައްދަށް އެއްވެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

އެހެންކަމުން، އެ އޮޑިވެރިންނާ އެޗްޑީސީގެ އިސްވެރިން މަޝްވަރާ ކުރުމަށްފަހު، މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެ ކުރިން ވެސް ހުޅުމާލޭ ފަޅުތެރޭގައި ކުރިއަށް ގެންދާ އެކި މަޝްރޫއުތަކާއި ގުޅިގެން އެ ސަރަހައްދެއްގައި އަޅާފައި ހުންނަ އުޅަނދުތަށް ނަގަން އެޗްޑީސީން އަންގާފައި ވެއެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބިދޭ އެއްބާރުލުން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.