އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓަކުން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު އާންމު ކުރި ސީސީޓީވީ ފުޓޭޖްއާއެކު ބުނެފައި ވަނީ، އެ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެފައިވާ ދެ މީހުން ކަމަށެވެ. އަދި އެ މީހުންނަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެއީ ހޯދިފައި ނުވާ ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އެމީހުން ވަގަށް ނަގާފައި ވަނީ ކަރޯކޭ ސިސްޓަމަކާއި ފޯނަކާއި އަދި ގަހަނާތަކެއް ކަމަށެވެ.

އެމްޕީއެލް ޓަވަރުން ވައްކަން ކުރި މީހުން ފެންނަ ސީސީޓީވީ ފުޓޭޖުން ނަގާފައިވާ ސްކްރީން ޝޮޓެއް

އެ ވީޑިއޯ އިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ހުޅުމާލެ ފޭސް 2 ޕޮލިސްގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ފުލުހުން އާންމުކުރި ވިޑީއޯގައި ދެ ފިރިހެނަކު އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓްތަކަށް ދެވޭ ކޮރިޑޯ އިން ހިނގާފައި އަންނަ މަންޒަރު ފެނެއެވެ. އޭގެ ތެރެއިން އެކަކު ހެލްމެޓެއް އަޅާފައި ހުރި އިރު، ދެން ހުރި މީހާ ހުރީ ބޮލުގައި ތޮތްޕެއް އަޅައިގެންނެވެ.

އެމްޕީއެލް ޓަވަރުން ވައްކަން ކުރި މީހުން ފެންނަ ސީސީޓީވީ ފުޓޭޖުން ނަގާފައިވާ ސްކްރީން ޝޮޓެއް

އެމީހުން އައިސް އެތަނުން އެޕާޓްމަންޓަކާ އަރާ ހަމަވުމުން އެކަކު އެ އެޕާޓްމަންޓް ތެރެއަށް ވަދެއެވެ. އަނެއް މީހާ ހުންނަނީ ބޭރުގައި މަޑުކޮށްގެންނެވެ. އެއަށް ފަހު ބޭރުގައި މަޑުކޮށްގެން ހުރި މީހާވެސް އެތެރެއަށް ވަދެއެވެ.

https://www.youtube.com/watch?v=t1JinIPRcBc

ދެން ފެންނަނީ ފަހުން އެތެރެއަށް ވައިން މީހާ ފައިވާން އަތުން ހިފައިގެން ނިކުމެ ދުއްވައިގަންނަ ތަނެވެ. އޭނާގެ ފަހަތުން ފުރަތަމަ އެ އެޕާޓްމަންޓަށް ވައިން މީހާ ނިކުންނަ އިރު އޭނާ ހުންނަނީ ފައިވާނަށް އަރައިގެންނެވެ. އަދި އަތުން ކަރޯކޭ ސިސްޓަމެއް ޒާތުގެ އެއްޗެއް ހިފައިގެން ހުންނަ ތަން ފެނެއެވެ.