މި އަހަރުގެ މިހާތަނަށް ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓްކުރި ކުށަކަށް ވައްކަމުގެ މައްސަލަތައް ވެފައިވާއިރު، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 10 ވައްކަމުގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ވައްކަމުގެ ޖުމްލަ 2،510 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 10.3 ވައްކަމެވެ. މިއަހަރުގެ މިހާތަނަށް ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖުލައި މަހުގައެވެ. އެގޮތުން އެ މަހު އެކަނިވެސް 370 ވައްކަމުގެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ދެވަނައަށް އެންމެ ގިނައިން ވައްކަން ރިޕޯޓްކޮށްފައިވަނީ މެއި މަހު (339 މައްސަލަ) އަދި އޮގަސްޓް މަހު (338 މައްސަލަ) އެވެ.

ވޭތުވެދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ 2،321 މައްސަލައެވެ. އެހެންކަމުން މިއަހަރު ވައްކަމުގެ މައްސަލަތައް މިވަނީ ވޭތުވެދިޔަ އަހަރަށްވުރެ އިތުރުވެފައެވެ.

ވައްކަމުގެ އިތުރުން ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން އެކްސިޑެންޓްގެ 2،161 މައްސަލަ މިއަހަރު ރިޕޯޓްކޮށްފައިވާއިރު، އެއީ ދުވާލަކު އެވްރެޖްކޮށް 8.8 (ގާތްގަނޑަކަށް 9) އެކްސިޑެންޓެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރިޕޯޓްކުރީ 1،841 އެކްސިޑެންޓެވެ.

ތިންވަނައަށް އެންމެ ގިނައިން ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު، މި އަހަރުގެ އޮގަސްޓްގެ ނިޔަލަށް 1،507 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ދުވާލަކު އެވްރެޖްކޮށް 6.2 މައްސަލައެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި މަސްތުވާތަކެތީގެ ރިޕޯޓްކޮށްފައިވަނީ 1،292 މައްސަލައެވެ.

މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ރިޕޯޓްކުރި ޖުމްލަ މައްސަލަތަކުގެ އަދަދު 8،484 އަށް އަރާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައިވަނީ 7،730 މައްސަލައެވެ.

މިއަހަރު ރިޕޯޓްކުރި އެހެނިހެން މައްސަލަތަކުގެ ތެރޭގައި ތަކެތި ގެއްލުމުގެ 695 މައްސަލަ، މުދަލަށް ގެއްލުންދިނުމުގެ 479 މައްސަލަ، މާރާމާރީގެ 407 މައްސަލަ، ހިޔާނާތުގެ 232 މައްސަލަ، ފޭރުމުގެ 198 މައްސަލަ، ގެވެށި އަނިޔާގެ 153 މައްސަލަ، އަދި ޖިންސީ ކުށުގެ 103 މައްސަލަ ހިމެނެއެވެ.

ވައްކަމާއި މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އަމިއްލަ މުދަލާއި ފުރާނައިގެ ރައްކާތެރިކަމަށް ޢާންމު ރައްޔިތުން އިތުރަށް ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.