ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ކާކުކަން ދެނެގަނެވިފައި ނުވާ ދެ މީހުން ކަމަށެވެ. އެ މީހުން ހޯދުމަށްޓަކައި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ އެ ދެ މީހުން ސައިކަލަކަށް އަރައިގެން އެކުގައި ދަތުރުކުރާ މަންޒަރެވެ. ނަމަވެސް، މި ދެ މީހުން ހޯދަނީ ވައްކަމުގެ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ވައްކަމުގެ ޖުމްލަ 2،510 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 10.3 ވައްކަމުގެ މައްސަލައެވެ. މި މުއްދަތުގައި އެންމެ ގިނައިން ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖުލައި މަހުގައެވެ. އެއީ 370 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މެއި މަހު (339 މައްސަލަ) އަދި އޮގަސްޓް މަހު (338 މައްސަލަ) އެވެ.

ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ 2،321 މައްސަލަ ކަމަށްވާއިރު، މިއަހަރުގެ މިހާތަނަށް ރިޕޯޓްކުރި ވައްކަމުގެ މައްސަލަތަކުގެ އަދަދު މިވަނީ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ.