ސުޕްރީމް ކޯޓުގައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ކޯޓުގެ ތެރެއިންނާއި ބޭރުން ކުރިމަތިވި ނުފޫޒުތަކަށް ބޯލަނބާފައި ނޯންނާނެ ކަމަށް، ފަނޑިޔާރުކަމުން ވަކިކުރެއްވި މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
މަހާޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅައި، މިއަދު ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ފާސްކުރީ ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ވެސް ނުދީއެވެ.
"ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ، ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން، ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން، ކީރިތި ﷲ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް،" މީސްމީޑިއާގައި މަހާޒް ލިޔުއްވާފައިވެއެވެ.
މަހާޒްގެ ޕޯސްޓުގައި އިތުރަށް ވަނީ އޭނާ ވަކިކުރަން ކުރި ކަންކަމާ ދެކޮޅަށް ހިޔާލު ފާޅުކުރި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.
"ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ހިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރަން،"
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.