ދިވެހި ކޮންމެ ހައްޖާޖީއަކަށް ކޮންމެ ހައްޖާޖީއަކަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ހައްޖާޖީންނަށް ޑޮލަރު ލިމިޓު އިތުރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދިވަޑައިގެންފައިވާކަން ރައީސް ހަމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މި އަހަރު ހައްޖަށްދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ކޮންމެ ހައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބީއެމްއެލްގައި އެދިވަޑައިގެންފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ބީއެމްއެލްއިން ކުރަމުން ގެންދާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ރައީސް ވަނީ ބީއެމްއެލްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
މިހާރު ޑެބިޓްކާޑުގެ ލިމިޓަކީ 250 ޑޮލަރެވެ. ޑޮލަރު ލިމިޓަށް ގެންނަ މި ބަދަލާއެކު ކޮންމެ ހައްޖާޖީއަކަށް ޖުމްލަ 2،000 ޑޮލަރު ލިބިގެންދާނެއެވެ.