ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ހައްޖުވެރިންނާއި އުމްރާވެރިން، ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ހައްޖު ފަދަ ދަތުރުތަކަށްފަހު އެނބުރި އަންނައިރު، އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.
ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށާއި، ދަތުރުމަތީގައި އުޅޭއިރު މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމުގައި އެ އެޖެންސީން ބުނެއެވެ.
ބަލި ފެތުރުން ހުއްޓުވުމަށް ސަމާލުކަން ދޭންވީ ކަންކަން:
ރޯގާގެ އަލާމާތްތައް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދާ މީހުންނާ ބައްދަލު ނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ބަލިވެ އުޅޭނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި، އެކުދިން އުރާ ނުހެދުމަށްވެސް ވަނީ އެދިފައެވެ.
ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް:
ހައްޖު ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ތިރީގައިވާ އަލާމާތްތަކުން ކުރެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ
- ހުން އައުން
- ކެއްސުން
- ނޭވާލާން އުނދަގޫވުން
- މޭގައި ރިއްސުން
ޑޮކްޓަރަށް ދައްކާއިރު، އެއީ ހައްޖު ނުވަތަ އުމްރާއިން އެނބުރި އައި ފަރާތެއްކަން ހާމަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން އެހެން އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނުނު ކަމުގައިވިޔަސް ލަސްނުކޮށް ލަފާ ހޯދަން ޖެހެއެވެ.
ގޭގައި ދެވިދާނެ ފަރުވާއަށް ބަލާއިރު، ހުން ނުވަތަ އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގިނަގިނައިން ދިޔާ ތަކެތި ބުއިމާއި، އަރާމުކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ހުން ގަދަވާނަމަ އާދައިގެ ތާފަނާ ފެނުން ގައިގައި ފެންހޭކުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ޕެރެސެޓެމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުމަށް އެޗްޕީއޭއިން ބުނެއެވެ.
