ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމައި، ތަޅުމަށް ފޮނުވައިފިއެވެ.

ޖުޑީޝަރީ ކޮމިޓީން މިއަދު މެންދުރު ބައްދަލުވުން ފެށީ ހުޅުވާލައިގެންނެވެ. ނަމަވެސް ބައެއް ޒާތީ މައުލޫމާތު ހިމެނޭތީ ކޮމިޓީން ނިންމީ ބައްދަލުވުން ސިއްރުކުރުމަށެވެ. އެހެންވެ ގާތްގަނޑަކަށް 50 އަކަށް މިނެޓު ހުޅުވާލައިގެން ގެންދިއުމަށް ފަހު ކޮމިޓީގެ ބާކީ ބައި ގެންދިޔައީ ސިއްރުންނެވެ.

ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ކޮމިޓީގައި ތިއްބަވާ ޕީއެންސީ މެންބަރުން ނިންމެވުމުން، ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބައްދަލުވުން ދޫކުރައްވައި ވަނީ ވަޑައިގެންފައެވެ. އެހެންވެ ސިއްރު ބައްދަލުވުމުގައި ތިއްބެވީ ޕީއެންސީގެ މެންބަރުން އެކަންޏެވެ.

ފާހަގަކުރެވޭ ގޮތުގައި މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވުމަށް އެދި ދެ ފަނޑިޔާރުން ވެސް އެދިވަޑައިގެންފައިވެއެވެ. އަދި ބާ ކައުންސިލުން ވެސް ޖޭއެސްސީގެ ނިންމުން ރަނގަޅުތޯ ބެލުމަށް އެދިފައިވާ ކަން ވެސް ފާހަގަކުރެވެއެވެ. އެކަމަކު ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ ޖޭއެސްސީގެ ރިޕޯޓު ދިރާސާކުރުމަށް ފަހު ފަނޑިޔާރުން ހާޒިރުކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް ނިންމައިފައެވެ.

އޭގެ ފަހުން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރު އަޒްމިރާލްދާ ހާޒިރުނުކުރަން ކޮމިޓީން ނިންމިއެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.

ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.

ޖުޑީޝަރީ ކޮމިޓީން މައްސަލަ ބަލައި ނިމުމުން، ދެން އޮންނާނީ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ތަޅުމުން ގޮތް ނިންމުމެވެ. ގާނޫނުގައިވާ ގޮތުން ދެ ފަނޑިޔާރުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.