ކޮންމެ ކުޑަ ކުއްޖަކަށްވެސް އުފާވެރި މާހައުލެއް ފަހިކޮށްދޭން ޖެހޭކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު، ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ، "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން". މި ޝިއާރުގެ ދަށުން ކުދިންނަށް އުފާވެރި ކުރިމަގެއް ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެކަމެއް ވާ ކަމަށެވެ.

އެގޮތުން މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކުގެ ތެރެއިން ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަކީ ކުދިންގެ ޝަހުސިއްޔަތު ބިނާވުމުގައި އަސާސީ ދައުރެއް އަދާކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

އަދި ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ މައިންބަފައިންނާ ދަރިންގެ މެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމުގެ ސަބަބުން ކުދިންނަށް ލިބޭ އަޅައިލުމާއި، އެހީތެރިކަމާއި ހިތްވަރަކީ ކުދިންގެ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ވެސް އުފާވެރި ވަގުތާއި، އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އަމިއްލަ ނަފްސަށް ޔަގީންކަން އޮންނަ، ތައުލީމީ އިޖުތިމާއީ އަދި ނަފްސާނީގޮތުން ކުދިން ކުރިއަރާ ކަމަށާއި ފަދަ ކުދިން ވެގެންދަނީ ދިރިއުޅުމާމެދު ހެޔޮގޮތަށް ދެކޭ، ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ، މުޖުތަމަޢަށް ނަފާކުރަނިވި ކުދިންތަކަކަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ޝައްކެއްނެތް ގޮތުގައި ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ޝަހުސިއްޔަތު ބިނާކުރުމާއި، އަހުލާގީ މިންގަނޑުތަކާއި، އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅީ އާއިލާގެ ލޯތްބާއި އަޅައިލުން ލިބޭ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ، އާއިލީ ވެއްޓެއް. މިފަދަ މާހައުލެއްގައި ކުދިން ބޮޑުވުމަކީ އެކުދިންގެ މުސްތަގުބަލު ބިނާކުރުމަށް އެޅިގެންދާނެ ހަރުދަނާ ބިންގަލެއް."
ޝިހާމް

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ހާލަތްތައް މެދުވެރިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ، މަރުކަޒުގައި ކުދިން ބެލެހެއްޓުމަކީ އިސްވެ ދެންނެވުނު ސަބަބުތަކަށް ރިއާޔަތްކުރާއިރު، ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ގޮތް ނޫންކަން ދިރާސާތަކުގެ އަލީގައި ވެސް ފެންނަން އޮތް ހިނދު، ކޮންމެ ކުއްޖަކީ ވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެން، އާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ސަރުކާރުގެ ތަސައްވަރު ކަމަށެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ގެ ނަމުގައި މި ސަރުކާރުން ޕްރޮގްރާމެއް ފެށިކަން ފާހަގަކުރައްވާ މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 70 އަށްވުރެ ގިނަ ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދެވިފައިވާކަމަށެވެ.

އަދި މިކަމަށްޓަކައި ފޮސްޓަރިން ނިޒާމު ހަރުދަނާކޮށް، ވަގުތީގޮތުން ނަމަވެސް ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް އާއިލާއެއް ހޯދައިދިނުމުގެ މަސައްކަތަށް ރައްޔިތުން ދެއްވާ ތަރުޙީބަކީ، ކުޑަކުދިންގެ ރައްކާތެރިކަމަށް މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކާއި، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، ލޯބިވެތި މާހައުލެއްގައި ހެދިބޮޑުވާނެ ކުދިންތަކެއްކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެވޭކަމުގެ ރީތި މިސާލެއް ކަމަށް ޝިހާމް ވިދާޅުވިއެވެ.