ދާންމަތިވެފައިވާ އިސް ރަށްވެހިންނަށް ނުވަތަ ބަލިއެނދުގައި ތިބޭ އިސް ރަށްވެހިންނަށް ޒިޔާރަތް ކުރުމަށް ބެޑްރިޑަން ޕްރޮގްރާމެއް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ އިސް ރަށްވެހިންނާއި ގާލް ގައިޑް ކުދިންނާއެކު އިސް ރަށްވެހިންގެ ތެރެއިން ދާނުގައި ތިބޭ މީހުންގެ ގާތަށް ޒިޔާރަތް ކުރަން ފަށާފައިވާ ކަމަށާއި، މިއީ އިސް ރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ފަރާތްތަކަށް ޒިޔާރަތް ކުރަން ބޭނުންވާ ހާއްސަ ދަރުމަވެރިންގެ ޓީމެއް ނަގާފައިވާ ކަމަށާއި، އެ ފަރާތްތަކަށް ތަމްރީނުވެސް ދީފައި ވާކަމަށް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ މިނިސްޓްރީން ވަނީ ރައްޔިތުންގެ ހާލަތު ގާތުން ދެނެގަތުމަށް "ހާލު ކިހިނެތް" ނަމުގައިވެސް ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ދައުލަތުގެ ހާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.