ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓާކުރާ (އާއިލީ މާހައުލަށް ބަދަލުކުރާ) އާއިލާތަކަށް، ވިހެމުން ލިބޭ ފަދަ ހާއްސަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަ މަހު ހަމަޖެހިގެންދާނެ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ސިވިލް ސާވިސްއާ މަޝްވަރާކުރެވި، އަންނަ އެޕްރީލް މަހުން ފެށިގެން މި ހާއްސަ ޗުއްޓީ ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ފޮސްޓާކުރާ ކުދިންނާއި އެ އާއިލާތަކާ ދެމެދު ލޯބިވެތި ގާތް ގުޅުމެއް އުފެއްދުމަށް ބޭނުންވާ ވަގުތު ހޯދައިދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ސަރުކާރުން އިޖުތިމާއީ ދާއިރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަސައްކަތެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ކުރިން ކުދިން ފޮސްޓށކުރުމުގެ މަރުހަލާ ދިގުލައިގެން ދިއުމުގެ ސަބަބުން އާއިލާތަކަށް ދިމާވި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މިހާރު ވަނީ "ޓެމްޕަރަރީ ފޮސްޓަރިން" ތައާރަފުކޮށްފައެވެ. އަދި މާލީ ގޮތުން ދަތިކަން ހުރި އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން، ފޮސްޓާކުރާ ކޮންމެ ކުއްޖަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސިވިލް ސާވިސްގައި މަޝްވަރާކުރެވިގެން އިރާދަކުރެއްވިއްޔާ މި އެޕްރީލްމަހު ފޮސްޓާކުރާ ފަރާތްތަކަށްވެސް ހާއްސަ ޗުއްޓީއެއް ހާއްސަ ލީވްއެއް ލިބޭގޮތަށް މިހާރު ހަމަޖެހިފައި އެއޮތީ. އެހެންވީމަ އެއީ އަޅުގަނޑުމެންގެ ކުދިންނާ އަޅުގަނޑުމެންގެ ކުދިންނާ ހަވާލުވާން ތިބި މީހުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔަކަށްވާނެ. ދެން އަދި ހޮސްޕިޓަލް ތެރެއިން ނޫނަސް އަޅުގަނޑުމެންގެ ކުއްޖަކާ ހަވާލުވެފައި، އެކުއްޖަކާ ގާތްގުޅުމެއް އުފައްދަން، އެކުއްޖާއާއެއްކޮށް ލޯބިވެތި ގުޅުމެއް އުފެއްދުމަށް ވަގުތުތަކެއް ބޭނުންވޭ އެކުއްޖާއާއެއްކޮށް ހޭދަކުރަން."
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ޑރ. ޢާއިޝަތު ޝިހާމް އިތުރަށް ވިދާޅުވީ، ބައެއް ފަހަރު ހޮސްޕިޓަލްގެ ތެރެއިން ވަރަށް ތުއްތުކުދިންނާ އާއިލާތަކުން ހަވާލުވާންޖެހޭ ކަމަށެވެ. އެފަދަ ހާލަތްތަކުގައި ވަޒީފާގައި އުޅެމުން ކުއްޖާއަށް ބޭނުންވާ އަޅާލުން ދިނުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ، މި ތައާރަފް ކުރާ ޗުއްޓީގެ ސަބަބުން އެ އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާތަކާ ހަވާލުކުރާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިސަރުކާރުގެ މަސައްކަތްތައް ފެށުނީއްސުރެން، މިހާތަނަށް 111 ކުއްޖަކު އާއިލާތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. މިއީ އެ ކުދިންނަށް އުފާވެރި އަދި ރައްކާތެރި މުސްތަގުބަލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައިވެސް މިނިސްޓަރު ޝިހާމް ވިދާޅުވިއެވެ.